ENGLISH

10 ޖުލައި 2025

Advertisement

އެޗްޑީސީން އެއް މިލިއަން ގަސް ހައްދަން ލ. ގަމުން އެއްލައްކަ އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

24 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

އެޗްޑީސީން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައި، އެ އަމާޒަށް ދިއުމަށް ލ. ގަމުން އެއް ލައްކަ އަކަފޫޓުގެ ބިމެއް އިއްޔެ ހަމަޖައްސައިފިއެވެ. 

އެޗްޑީސީން ގަމުގައި އެއް މިލިއަން ގަސް ހައްދާނީ އެއް ލައްކަ އަކަފޫޓުގެ ބިމުގައި ޤާއިމްކުރާ ނާސަރީގައެވެ. އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް އެޗްޑީސީން ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުންނެވެ. 

ނާސަރީ ހެދުމަށް އެޗްޑީސީން ބިން ހަމަޖެއްސީ ލ. ގަމު ކައުންސިލާއެކު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކަށް ފަހުއެވެ. އެ މަޝްވަރާތައް ކުރިއަށްގެންދެވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މައުރޫފް ޖަމީލް އިއްޔެ އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. 

ގަމުގައި ހަދާ ނާސަރީގައި އިންދާ ގަސްތައް މާލެ ސަރަޙައްދުގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ތަންތަން ފެހިކުރުމަށް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ އާއި ކުޑަގިރި އަދި ގުޅީފަޅާއި ތިލަފުށީގައި ވެސް، ނާސަރީގައި ހައްދާ ގަސްތައް ބޭނުންކުރާނެއެވެ. 

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފަސް މިލިއަން ގަސް ހެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެޗްޑީސީން ނިންމީ ކުޑަގިރިއަށް ދެ އަހަރު ފުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. 

އެޗްޑީސީން ފެށި އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއެކު އެ ކުންފުނީގެ ދަށުގައި ހުރި ރަށްތަކުގެ ފެހިކަމަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު