ENGLISH
22 އޭޕްރީލު 2025
ބަނޑިދޫ އިސްރަށްވެހިންގެ ކަންބޮޑުވުންތައް ރައީސަށް؛ ދެއްވީ ހައްލުކޮށްދެއްވާނެ ކަމުގެ އުންމީދު
24 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދ.ބަނޑިދޫ އިސްރަށްވެހިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދ.ބަނޑިދޫ އިސްރަށްވެހިންނާ ބައްދަލުކުރައްވައިފިއެވެ.
ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ބަނޑިދޫއަށް މިއަދު ވަޑައިގެން، އެރަށު ސުކޫލުގައި މިއަދު މެންދުރުފަހު ބޭއްވެވި އެ ބައްދަލުވުމުގައި އެ ރަށުގެ އިސްރަށްވެހިންވަނީ އެ ބޭފުޅުންގެ އެކި ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ.
އެގޮތުން އެ ބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރެއްވީ އެ ރަށުގެ ބިން ހިއްކުމަކީ އެބޭފުޅުން ބޭނުންފުޅުވާ ކަމެއް ކަމުގައެވެ.
ބޭނުންފުޅުވާ ކަންކަން ފާހަގަކުރެއްވުމުގެ އިތުރަށް ސަރުކާރުން ބަނޑިދޫގެ ތަރައްޤީއަށްޓަކައި ކުރާ ކޮންމެ ކަމެއްގައި އެ ބޭފުޅުންގެ އެއްބާރުލުން ސަރުކާރަށް ލިބޭނެކަމުގެ ޔަގީންކަން އެ ރަށުގެ އިސްރަށްވެހިން ރައީސަށް އެރުވިއެވެ.
އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއެއްސެވުމަށްފަހު އެ ރަށު ރައްޔިތުން އެދޭ ގޮތަށް ރަށުގެ ބިން ހިއްކައިދެއްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެންނައިރު ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މިނިސްޓްރީއާވެސް ވާހަކަދެއްކެުމަށްފަހު އެ މަސައްކަތްކުރިއަށްގެންދަވަން މަޝްވަރާކުރައްވާނެކަމުގެ ޔަގީންކަން ރައީސް ބަނޑިދޫގެ އިސްރަށްވެހިންނަށް ދެއްވިއެވެ.
އަދި ބަނޑިދޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރިއަށްގެންދިއުމަށް އިސްކަންދެއްވައި އެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.