ENGLISH

22 އޭޕްރީލު 2025

Advertisement

މަޖިލީސް ރައީސްގެ ރައްދެއް: "މިއިނީ މިނިވަންކަމާ އެކު"

24 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންވަވަނީ އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާ އެކު ކަމަށް އެ މަގާމުގައި މިހާރު ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުން ނެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު ހަމްދަރުދީވޭ، އިއްޒަތްތެރި ރައީސްގެ ހާލުކޮޅާ މެދު އަޅުގަނޑު ހަމްދަރުދީވޭ، ބަޑިބައިންދާފަ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުން.." މީކާއިލް ވިދާޅުވި އެވެ.

މީކާއިލްގެ ވާހަކަ އެހާހިސާބުން މެދުކަނޑައިލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނާ ގުޅޭ އެއްވެސް ކަމެއްގެ މައުލޫމާތު މެމްބަރަށް އެނގިވަޑައިނުގަންނަވާއިރު، އެކަންކަމާ ގުޅިގެން ވާހަކަދެއްކެވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިކޮޅުގައި އެމަނިކުފާނު އިންނަވަނީ މިނިވަންކަމާ އެކު ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރައްވަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

" އިއްޒަތްތެރި މެމްބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއް ވެސް، އަދި ދިރިއުޅުމުގެ ހާލަތެއް ވެސް، އެހެން ހާލަތެއް ވެސް. އެހެންމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނުއެއް އޮންނާނެ. އަޅުގަނޑު މިއިނީ ހަމަ މިނިވަންކަމާއެކީގައި މި ގޮނޑީގައި އަޅުގަނޑު އިންތިހާބުކޮށްދެއްވީ އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން. އަޅުގަނޑަކަށް އެއްވެސް ހުރަހެއް (ރައްޔިތުންގެ މަޖިލީހުގައި) އެއްވެސް ކަމަކަށް ނެތް." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މެމްބަރުގެ ކިބައިން އެދިވަޑައިގެންނެވީ ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ވާހަކަ ނުދެއްކެވުމަށެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހުގެ ބިލާ ގުޅިގެން މީކާއިލް ދެއްކެވި ވާހަކައަކަށް ވެސް ރިޔާސަތުން ރައްދުދެއްވި އެވެ. މެމްބަރު ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޯޓަށް ނުފޫޒަށް ފޯރުވައި، ރާއްޖޭގެ ދުސްތޫރު ފުނޑާލުމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުން މަޖިލީސް "ހަތިޔާރެއްގެ" ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެވާހަކައަށް ރައްދުދެއްވަމުން ރިޔާސަތުން ވިދާޅުވީ މަޖިލީހަކީ ގާނޫނުއަސާސީއާއި ގާނޫނުތައް އިސްލާހުކުރުމުގެ ބާރު އޮންނަ ތަނަކަށްވާއިރު، ބިލުތައް ހުށަހެޅުމަކީ މަޖިލީސް "ހަތިޔާރެއް"ގެ ގޮތުގައި ބޭނުންކުރުން ކަމަށް ވިދާޅުވުން ބަލައިނުގަނެވޭނެ ކަމަށެވެ.   

"ރައްޔިތުންގެ މަޖިލީހަކީ މުތުލަގަށް ގާނޫނުއަސާސީއައި ގާނޫނުތަކަށް ބަދަލު ގެނެސް، ގާނޫނުތައް ހަދާ، ގާނޫނުތައް އިސްލާހުކުރުމުގެ މަޖިލީހެއް. އެހެންމަ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ  މަޖިލީސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީއޭ ވިދާޅުވާ ވިދާޅުވުން ބަލައިގަނެވޭނެ ކަމެއް ނޫން" ރިޔާސަތުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު