ENGLISH
22 އޭޕްރީލު 2025
ދިރާސީ އާ އަހަރު ފެށޭނީ އޭޕްރިލް 7 ވަނަ ދުވަހު
24 ފެބްރުއަރީ 2025
|
ފޮޓޯ: ތައުލީމީ ވުޒާރާ
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުކަން ތައުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިގޮތަށް ކަަނޑައަޅައި، އެ ވުޒާރާއިން ވަނީ އެކަޑެމިކް ކަލަންޑަރުގައި ވެސް ހިމަނާފައެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ޖުލައި 24 ގައި ފެށޭއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު 10 ގައެވެ. އަދި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.
ޒަމާން ތަކެއްވަންދެން ދިވެހި ރާއްޖޭގައި ދިރާސީ އާ އަހަރު ފެށެނީ ޖެނުއަރީގަ އެވެ. އެހެން ނަމަވެސް ކޮވިޑްގެ އާލަމީ ވަބާއާ ގުޅިގެން، ސްކޫލުތައް ބަންދުކުރަން މަޖުބޫރުވެ، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓްގަ އެވެ.
މިގޮތަށް ބަދަލު ކުރުމުން ސްކޫލް ބޮޑު ޗުއްޓީ ދިމާވަނީ، އާއްމު ގޮތެއްގައި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ އެންމެ ބޮޑަށް ކުރާ ދުވަސްވަރު ކަމަށްވާ ޖޫން، ޖުލައިއަށެެވެ. މޫސުން ގޯސް ވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ވަރަށް ގިނަ ބަޔަކު ވަނީ ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކުރަން އެދިފައެވެ. ކުރިން އޮތް ގޮތަށް ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ގޮތަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
މި ވަޢުދު ފުއްދެވުމުގެ ގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލު ވާނީ 2026 ވަނަ އަހަރު އެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް ތައުލީމީ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.