ENGLISH
22 އޭޕްރީލު 2025
ކައުންސިލުތަކަށް ދައުލަތުން ދޭ ގްރާންޓު ފައިސާ ބޭނުންނުކުރެވޭ މައްސަލަ ހައްލުކުރަންޖެހޭ: ނާޒިމް
24 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ތެރެއިން ކައުންސިލުތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއިން ހަރަދުނުކުރެވި ގިނަ އަދަދެއްގެ ފައިސާ ހުންނަ މައްސަލައަށް ޤާނޫނުގެ ތެރެެއިން ހައްލުތަކެއް ހޯދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ބައެއް ކައުންސިލުތަކުން ރަށްރަށް ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ޚަރަދުކުރަނީ ޤާނޫނުގެ ތެރެއިންކަން ކަށަވަރުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ އެފަދަ މައްސަލަތަކަށް ހައްލެއް ހޯދޭނީ ޤާނޫނު ބަދަލުކޮށްގެން ކަމަށެވެ.
ނާޒިމު އިތުރަށް ފާހަގަކުރެއްވީ ކޮމިޓީއަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން ފޮނުއްވި މައުލޫމާތުތަކުން ސާފުވާ ގޮތުގައި ހައެއްކަ ރަށެއްގެ ކައުންސިލުން އެރަށްރަށުގެ ރަށު ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް 2.3 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމެވެ.
އިތުރަށް ނާޒިމު ވިދާޅުވީ ސަރުކާރުން ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ފައިސާ ދޫކުރަން ފެށުމުން ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް ރައްޔިތުންނަށްޓަކައި މަސައްކަތްނުކުރާ ގޮތް މެދުވެރިވެފައިވާ ކަމަށެވެ. ނާޒިމު އެފަދައިން ވިދާޅުވީ ކައުންސިލުތަކަށް ދޫކުރާ ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދުނުކުރެވި ކައުންސިލުތަކުގެ އެކައުންޓުތަކުގައި ތާށިވެފައި ހުންނަ މައްސަލައަށް އިޝާރާތްކުރައްވައެވެ.
"ރައްޔިތުންގެ ފައިސާ ރައްޔިތުންނަށްޓަކައި މަސައްކަތްނުކުރާ ކަހަލަ ގޮތަކަށް މިއޮތީ މެދުވެރިވެފަ. އެއީ މިހާރު ސަރުކާރުން މިދެނީ 5 ޕަސެންޓުގެ ބްލޮކް ގްރާންޓެއް. ދިނީމައި ކުރީ އަހަރު 2.4 ބިލިއަން ރުފިޔާ ކައުންސިލުތަކަށް ދެވުނު. އެހެންނަމަވެސް ވަރަށް ގިނަ ކައުންސިލުތަކުން މިފައިސާ ޚަރަދެއް ނުކުރޭ ނުވަތަ ޚަރަދުކުރުމުގެ ޤާބިލުކަމެއް ނުހުރޭ،" ނާޒިމު ވިދާޅުވިއެވެ.
ކައުންސިލުތަކަށް އެ ފައިސާ ޚަރަދުނުކުރެވުމުގެ ސަބަބުން ޖުމްލަކޮށް ކައުންސިލުތަކުގެ އެކައުންޓުތަކުގައި ގަނޑުވެފައި ހުރި ފައިސާގެ އަދަދު 2 ބިލިއަން ރުފިޔާއާއި ތިން ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ނާޒިމު ވިދާޅުވިއެވެ.
ނާޒިމު އިތުރަށް ވިދާޅުވީ މިގޮތަށް ކައުންސިލުތަކުގެ އެކައުންޓުތަކުގައި ގަނޑުވެފައި ހުންނަ ފައިސާ ކައުންސިލުތަކަށް ބޭނުންނުކުރެވޭއިރު އެ ފައިސާގައި ސަރުކާރަށް އަތްލެވޭނެ ގޮތެއްވެސް ނޯންނަ ކަމަށެވެ. އަދި ޤާނޫނަށް ގެންނަ އިސްލާހެއްގެ ތެރެއިން އެ މައްސަލައަކީވެސް ހައްލުކުރަންޖެހޭ ކަމެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވިއެވެ.