ENGLISH
22 އޭޕްރީލު 2025
މަސްދަޅު ބެހުމުގެ އިންތިޒާމުތައް މިހާރު ފަސޭހަ، މާލޭ ސަރަހައްދުގައި 15،000 ގޭބީސީއަށް ދޫކުރެވިއްޖެ
24 ފެބްރުއަރީ 2025
|
ސިޓީސް، ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު، ފޮޓޯ: ރައީސް އޮފީސް
އަންނަ ރަމަޟާން މަހާ ދިމާކޮށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބީސީތަކަަށް ދޫކުރަމުންދާ މަސްދަޅު ދޫކުރުމަށް އަލަށް ހަމަޖެއްސެވި އިންތިޒާމުތަކާއެކު މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ވަަރަަށް ފަސޭހަކަމާއެކު ކުރިއަށްދާކަމަށް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް މާލޭ ސަރަހައްދުގެ 15،000 ގޭބީސީއަށް މަސްދަޅު ދޫކުރެވިއްޖެ ކަމަށެވެ. އަދި ފަހުން ހަމަޖައްސައިދެވުނު އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި މަސްދަޅު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްދަޅު ކޭސް ދޫކުރަން ފެށިއިރު ކަނޑައެޅި ސަރަހައްދުތަކަަށްވުރެ އިތުރު ބައެއް ސަރަހައްދުތަކުން މަސްދަޅު ދޫކުރަން ނިންމެވުމާއެކު، މަސްދަޅު ބަލައި ދިއުމުގެ ކުރިން އޮންލައިންކޮށް ޓޯކެން ނެގޭނެ ޕޯޓަލެއްވެސް ސަރުކާރުން ތައާރަފުކުރެއްވިއެވެ.
ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ކިއުގައި ޖެހިގެން ގިނަ ވަަގުތުތަކެއް ހޭދަކުރަންނުޖެހި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖެހުމާއެކު ގިނަ ބަޔަކު އަންނަނީ މަސްދަޅު ކޭސް ނަގަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން މިހާރު ބާކީ އޮތް ދުވަސްތަކުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރުމުގައި، މުޖުތަމަޢުގައި ތިބި ހާއްސަަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ތަކުލީފު ކުޑަވާނެހެން އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދެއްވާނެ ކަމަށެވެ.
އަދި ސަރުކާރުން ދެއްވާ ރޯދަ ހަދިޔާ ހުރިހާ ގޭބީސީއަކަށް ލިބޭކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާ ލިބެންދެން ކުރިއަށްގެންދަވާނެ ކަމަށެވެ.