ENGLISH

22 އޭޕްރީލު 2025

Advertisement

މާއެނބޫދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު؛ ބިން ހިއްކައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

24 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ދ.މާއެނބޫދޫ ރައްޔިތުން އެ ރަށުގެ ތަރައްގީއަށްޓަކައި އެންމެ ބޮޑަށް އުންމީދުކުރާ މަޝްރޫއުކަމަށްވާ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ލަސްތަކެއްނުވެ ފެށިގެންދާނެކަމުގެ ޔަގީންކަަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ދ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާއެނބޫދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އެރަށަށް ވަޑައިގެންނެވި އެންމެ މުހިއްމު ބޭނުންފުޅަކީ ރިޔާސީ އިންތިޚާބުގައި އެރަށު ރައްޔިތުންނަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ކަމަށެވެ. 

އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ތަފުސީލު ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ އެންވަޔަރަމެންޓު އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ހެދުމުގެ މަރުހަލާ ކަމަށެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އީޕީއޭ ގުޅިގެން އެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ނިމުނުހައި އަވަހަކަށް ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ. އަދި އެ ރަށުގައި އެ މަސައްކަތް ފެށުމަށް އެމްޓީސީސީ ތައްޔާރުވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"އީއައިއޭ ނިންމުމަށްޓަކައި ކުރާ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އީޕީއޭއާ ދޭތެރޭ އެބަ ކުރިއަށްދޭ. އެމްޓީސީސީ މިރަށުގައި އޮންނާނީ އެ މަސައްކަތަށް ތައްޔާރުވެފައި. އީއައިއޭ ނިމުނުހައި އަަވަހަކަަށް ބިންހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ފެށޭނެ.،" ރައީސް ވިދާޅުވިއެވެ. 

އެ މަސައްކަތް ފެށުމާއެކު ހަލުއި ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވައި 30 ހެކްޓަރުގެ ބިން ހިއްކަވައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ 30 ހެކްޓަރުގެ ތެރެއިން ދެ ހެކްޓަރު ވަކިން ވަކި ރަށެއްގެ ގޮތުގައި ހިއްކަވާނެކަމަށްވެސް ވިދާޅުވިއެވެ. 

"އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަ ބޭފުޅުންނަށް ވައުދުވީ ގޮތަށް 30 ހެކްޓަރު ހިއްކާފައި ނިންމާލާނެކަމުގެ ޔަގީންކަން ދެން. ތިޔަ ބޭފުޅުން އެދިލައްވާ ގޮތަށް އޭގެ ތެރެއިން 2 ހެކްޓަރު ވަކިން ވަކި ރަށެއްގެ ގޮތުގައި ހިކިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ. 

މާއެނބޫދޫއަށް އެންމެ ބޮޑުވެފައި އޮތް މައްސަލައަކީ ބިމުގެ ދަތިކަަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ކޮންމެ ރަށެއްގައިވެސް އެ ރަށެެއްގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ދެނެގަނެ އެކަންކަން ހާސިލުކޮށްދިނުން ކަމަށެވެ. 

ބިން ހިއްކުމުގެ އިތުރަށް، ކުރީ ސަރުކާރުގައި ފެށުމަށްފަހު މިހާރު މަޑުޖެހިފައި ހުރި،  އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ސުކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން މޭ މަހާ ހަމައަށް މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތައް މި މަހާއި އަންނަ މަހުގެ ނިޔަލަށް ފެށިގެންދާނެކަމަށާއި، އެކަމަށްޓަކައި ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން ވަރަަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. 

އޭގެ އިތުރަށް މިއަދު އެ ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތެއް ހުޅުވައިދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ އިދާރީ މަސައްކަތަށް ހުޅުވުނު އިމާރާތެއްކަމަށާއި، އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބައިގެ ޖާގައިގެ ދަތިކަން ހައްލުކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށާއި، އެ މަރުކަޒުގެ ޖާގައާއި ވަސީލަތްވެސް ފުރިހަމަކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި ވޮލީ ކޯޓެއްވެސް ގާއިމުކުރެއްވުމާއި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ވަސީލަތްތަކާއެކު ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު