ENGLISH
22 އޭޕްރީލު 2025
ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި
24 ފެބްރުއަރީ 2025
|
ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މުޙައްމަދު ސައީދު (ކ) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ރިޝްވާނު ސޮއިކުރައްވަނީ-- ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ރޭގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު ސައީދެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ރިޝްވާނެވެ.
ކުޑަހުވަދޫގައި ގާއިމުކުރަން ނިންމާފައިވާ ވިޔަފާރި ބަނދަރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކެވެ. މި ބަނދަރާއެކު އެރަށް މުސަތަގުބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެގެންދާނެއެވެ. އަދި މި ބަނދަރުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގުތައް ފަހިވެގެންދާނެއެވެ.
އެމްޕީއެލުން ނިންމާފައިވަނީ މި ބަނދަރު ތަރައްގީކުރާއިރު ވިޔަފާރި ބަނދަރުން ގިނަ ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީ ކުރުމަށެވެ. މިއާއެކު ކުރިޔަށް އޮތްތަނުގައި ކުޑަހުވަދޫގައި ބޮންޑަޑް ވެއާހައުސް ހަދައި އިތުރު ހިދުމަތް ތައާރަފު ކުރުމަކީ އެކުންފުނީގެ ވިސްނުމެއް ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފައެވެ.
ކުޑަހުވަދޫއަކީ އާބަން ސެންޓަރުތައް ތަރައްޤީ ކުރުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެހެންކަމުން އެމަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ އިތުރުންވެސް އެރަށް އާބަން ސެންޓަރަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މިދައުރުގައި ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އިއްޔެ ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވިޔަފާރި ބަނދަރަކީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ މަޝްރޫއެއްކަމެވެ. އަދި މި ބަނދަރު ތަރައްގީވެގެން ދިޔުމުން އޭގެ ނަފާ އާއި އިގްތިސާދީ ކުރިއެރުން ރައްޔިތުންނަށް ލިބިގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ވެރިކަމުގެ މި ދައުރު ތެރޭގައި އެ ވިޔަފާރި ބަނދަރު ތަރައްގީކޮށް އޮޕަރޭޝަނަލް ތަނަކަށް ހައްދަވައި ދެއްވާނެކަމަށެވެ.