ENGLISH
22 އޭޕްރީލު 2025
ކުޑަކުދިންގެ ޕާކުތަކާއި ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމުތައް ދެ އަހަރު ތެރޭ ހުރިހާ ރަށެއްގަައި ގާއިމުކުރަނީ
24 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތަކާއި އައުޓްޑޯ ޖިމުތަކާއި، ފިޓްނަސް ސެންޓަރުތައް ގާއިމުކޮށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫއަށް ޒިޔާރަތްކުރައްވައި އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެ ރަށުގެ ފުޓުބޯޅަަަ ދަނޑުގެ މަސައްކަތް ވަރަށް ހަލުއިކޮށް ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެހެން ކުރިއަށްގެންދަވާނެ ކަމަށެވެ.
އަދި ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް ކުރީ ސަރުކާރުގައި ހަވާލުކޮށްފަައި ހުރީ އެ މަސައްކަތުގެ އެކި ބައިތައް ތަފާތު ކުންފުނިތަކާ ހަވާލުކޮށްގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް މި ސަރުކާރުން ކުރާނީ އެހެން ނޫން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރު ދަނޑުތައް އެޅުމަށް ބޭނުންވާ ސާމާނު ބަލްކުކޮށް ގެނެސް، އެންމެ ޚަރަދު ކުޑަ އެންމެ ފަސޭހައިން ކުރެވޭނެ ގޮތަށް ކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ބަލްކުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކާއި ފުޓްސެލް ދަނޑުތަކާއި ނެޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ފެންސް ލައިޓް މިހުރިހާ އެއްޗެއް ގެނައުމުގެ ކަންކަން އެންމެ ޚަރަދު ކުޑަކޮށް އެންމެ އެފެކްޓިވްކޮށް ކުރެވޭ ގޮތަށް މިހާރު އޮތީ ރާވާފައި.،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައީސް ވިދާޅުވީ ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވަސީލަތް ހަމަ ފިޓްނަސް ރެކްރިއޭޝަން ސެންޓާތައް ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ކުޑަކުދިންގެ ޕާކު ނެތް ރަށްރަށުގައި ޕާކުތައް ގާއިމުކުރެއްވުމާއެކު، ވަސީލަތްތައް ހަމަނުވާ ޕާކުތަކަށް ވަސީލަތްތައް ހަމަކޮށްދިނުމާއި، އައުޓް ޑޯ ޖިމުތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ.
"ކުޑަކުދިންގެ ޕާކު ވަސީލަތް ހަމަކޮށް ހަދައިދިނުމާއި، ފިޓްނަސް ރެކްރިއޭޝަން ހަމަައެގޮތަށް ފުރިހަމަކޮށް ހަދައި ހުޅުވައިދިނުމާއި، އައުޓް-ޑޯ-ޖިމް މި އަހަރާއި އަންނަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ނިންމައިދޭނަން،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައީސްވަނީ މި މަހާއި އަންނަ މަހުގެ ތެރޭގައި ކުރީ ސަރުކާރުން ފަށައި މަޑުޖެހިފައި ހުރިހާ މަޝްރޫއެއް ފެށިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މާއެނބޫދޫގައިވެސް ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް އޮތް ދެ މަސް ތެރޭ ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.