ENGLISH

22 އޭޕްރީލު 2025

Advertisement

މާއެނބޫދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

24 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ދ.މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދ.އަތޮޅަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މާއެނބޫދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި ބީއެމްއެލްއިން ޤާއިމުކޮށްފައިވާ އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ އެމަނިކުފާނެވެ. 

މި ރަސްމިއްޔާތުގައި ބީއެމްއެލްެގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކުގެ ބައެއް އިސްވެރިންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންވެސް ބައިވެރިވެވަޑައިގަތެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފުޅާކޮށް، ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ.މުޢިއްޒުގެ އިސްނެންގެވުމަށް ބީއެމްއެލްއިން ފަށާފައިވާ މަޝްރޫޢުގެ ދަށުން، މާއެނބޫދޫ ކައުންސިލާ ގުޅިގެން ޤާއިމުކުރި އޭޓީއެމެކެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ މާއެނބޫދޫގައި އޭޓީއެމްއެއް ހުޅުވުމަކީ އެ ރަށުގައި ތިބެގެން ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހުން ކަމަށެވެ. އެގޮތުން އޭޓީއެމުން ލިބޭ ބޭންކިންގެ ތަފާތު ހިދުމަތްތަކުގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް ލޯނަށާއި ކާޑަށް ފައިސާ ދެއްކުމާއި، ފައިސާ ނެގުމާއި ޖަމާކުރުން ފަދަ ހިދުމަތްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މިއަދު ދެވެން މިފަށަނީ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ބޭންކިން ހިދުމަތް ދެވޭނެ މަގު. އާދެ އޭޓީއެމްއިން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ފައިސާ ނެގުން، ފައިސާ ޖަމާކުރުން، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުން، ލޯނަށާއި ކާޑަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ހިމެނިގެންދޭ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ދ.ކުޑަހުވަދޫގައި ހުންނަ ބީއެމްއެލްގެ ގޮފީގެ މުވައްޒަަފުން އެ ރަށަށް އައިސް އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. 

އަންނަ ރަމަޟާން މަހުން ފެށިގެން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެ ބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ޝަރީފު ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފުޅާކޮށް ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ޝަރީފުވަނީ ރައީސް ޝުކުރު އަދާކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު