ENGLISH

17 އޭޕްރީލު 2026

Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފަސް ވަނަ ސެގްމަންޓުގެ 45 އިންސައްތަ މަސައްކަތް ނިންމާލައިފި

17 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓްގެ 45 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. ފޮޓޯ؛އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓްގެ މަސައްކަތުގެ 45 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ. 

އެ މަސައްކަތް ކުރާ ކުންފުނި -- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ އެ ސެގްމަންޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު، ޖަންކްޝަން ނިޒާމާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށް ކަމަށެވެ.

މީގެ އިތުރުން، މަގުގެ ކާބްސްޓޯން ޖެހުމާއި، ދުވާރު ހެދުމާއި، މަގު ބައްތިތަކުގެ ފޫޓިން އެޅުމާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ އިތުރުން ކޭބަލް ޓްރެންޗް ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވާއިރު، ހަމަ އެ މުއްދަތުގައި ވާރޭފެން ހިންދާ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. 

މަޝްރޫޢުގެ ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ސެގްމަންޓްގައި ކުރިއަށްދާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވެސް ތާވަލަށްވުރެ އަވަހަށް ކުރިއަށްދާކަން ފާހަގަކޮށްފައިވެ އެވެ. މިގޮތުން މިހާތަނަށް ޖުމްލަ 145 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިމިފަ އެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން އަލުން ހެދުމަށް އެންމެ ފުރަތަމަ ނިންމީ، ޖުމްހޫރީ މައިދާނާ ދިމާލުން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމަށެވެ. މި ސަރަހައްދު ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުވާލާފައެވެ.

މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ ފެބްރުއަރީ މަހު ވަނީ އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ފުޅާކުރެވިފައިވާ، ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށްވެސް އިންތިހާއަށް ލުއިފަސޭހަ އަދި ހިތްގައިމު މަގަކަށެވެ.

ކިޔުންތެރިންގެ ހިޔާލު