ENGLISH
22 އޭޕްރީލު 2025
ރައީސް މާއެނބޫދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
24 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދ.މާއެނބޫދޫއަަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވުން-- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިޔާ ޑރ މުހަންމަދު މުއިއްޒު ދ. މާއެނބޫދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެ ރަށަށް ވަޑައިގެންނެވި މަތީ ފަންތީގެ ޓީމަށް ދަންނަވައިފިއެވެ.
ދ.މާއެނބޫދޫއަށް ކުރެއްވި މި ދަތުރުފުޅަކީ ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ކުރެއްވި ޒިޔާރަތެކެވެ. ރައީސް އެ ރަށަށް ވަޑައިގެންނެވިއިރު ރަށުގެ ރައްޔިތުން ބަނދަރު މަތީގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެފައި ތިއްބެވެ.
އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަތީ އިއްޔެއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެެކެވެ.
ދ. މާއެނބޫދޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެ ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަންވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވުމާއެކު، އެ ރަށުގައި ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އައު އޭޓީއޭމްގެ ހިދުމަތް ފައްޓަވައިދެއްވާނެއެވެ.
ދ.އަތޮޅުގެ އެކި ރަށްތަކަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތުގައި ރަށްރަށުގައި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް ހުޅުވައިދެއްވުމާއި އަލަށް ރަށްރަށުގައި ފަށާ މަޝްރޫއުތައް އިފުތިތާހުކުރެއްވުން އޮންނާނެއެވެ.