ENGLISH
26 ޖުލައި 2026
ސާކްގެ ބައްދަލުވުންތައް ފަށަން މެދުވެރިޔަކަށްވާން ރާއްޖެ އޮތީ ތައްޔާރަށް: ރައީސް
26 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
އިންޑިއާއާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް ސާކުގެ ބައްދަލުވުންތައް ފެށުމުގައި މެދުވެރިއެެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބައިވެރިވުމާއިއެކު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް ހިމެނޭހެން އެކުލަވާލި ސާކަކީ ސަރަހައްދީގޮތުން ބަލާއިރު މުހިންމު ޖަމާއަތެއް ކަމަށެވެ. ސަރަހައްދުގެ އަމާންކަމަށް ސާކު އަލުން ހިނގަން ފެށުމަކީ ކޮންމެހެން މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ފާއިތުވި 9 އަހަރު އެ ޖަމާއަތް ނުހިނގާކަން ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ ސުލްހަވެރިކަމާއިއެކު ކަންކަން ހައްލުކުރަން ކަމަށެވެ.
"ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ އެކަންކަން އެއްކައިރިކޮށް މި ސަރަހައްދުގެ ތަރައްގީއާއި ސުލްހަ މަސަލަސްކަމަށް އެކުވެރިކަން އިސްކޮށް މޭޒުދޮށަށް ވަޑައިގަންނަވާށޭ، އެކަން ކުރަން އުނދަނގޫވާނަމަ ރާއްޖެ މިއޮތީ އިސްނަގާށޭ އެ މަޝްވަރާތައް ކުރިއަށް ގެންދަން މީޑިއޭޓަރަކަށް ވާންވެސް." ރައީސް ވިދާޅުވިއެވެ.
ސާކުގެ އިތުރަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އޯއައިސީގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުނީންސުރެ އެ ޖަމާއަތުގެ ހަރަކާތްތަކުގައި އިސް ސަފުގައި ރާއްޖެ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސާކް އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ އެއްބާރުލުން ގާއިމްކުރުމުގެ މަގްސަދުގައި 1985 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އުފެއްދި ޖަމާއަތެކެވެ. އެޖަމާއަތުގައި ހިމެނެނީ ދެކުނު އޭޝިޔާގެ ހަތް ގައުމުކަމަށްވާ ބަންގްލާދޭޝް، އިންޑިޔާ، ބޫޓާން، ދިވެހިރާއްޖެ، ޕާކިސްތާން ނޭޕާލް، އަދި ސްރީލަންކާއެވެ. އެއަށްފަހު 2007 ވަނައަހަރުގެ އެޕްރީލްމަހު އޭޝިއާގެ ހުޅަނގު ދެކުނުގައި އޮންނަ ގައުމެއްކަމަށްވާ އަފްޣާނިސްތާންވަނީ ސާކު ޖަމާއަތުގައި ބައިވެރިކޮށް އެގައުމަށްވަނީ އެޖަމާއަތުގެ މެންބަރުކަން ދީފައެވެ. މިއާއެކު ސާކުގެ މެންބަރު ގައުމުތަކުގެ އަދަދުވަނީ އަށަކަށް އަރާފައެވެ.
ސާކުގެ ބައްދަލުވުންތަކަށް ހުރަސްއެޅުނީ 2016 ވަނަ އަހަރު ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޖައިޝޭ މުހައްމަދު ޖަމާއަތުން ދިން ހަމަލާތަކަކާ ގުޅިގެން އިންޑިއާ ހިމެނޭހެން ސާކްގެ ހަ ގައުމަކުން އެ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ނިންމު ސާކް ސަމިޓު ބޮއިކޮޓްކުރުމާ ވިދިގެންނެވެ.