ENGLISH
26 ޖުލައި 2026
އޯ.އައި.ސީ. އާއެކު އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުލުމުގައި ދެމި އޮންނާނަން: ދިވެހިރާއްޖެ
26 ޖުލައި 2026
|
ފަލަސްތީނުގެ ދިފާއުގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން... ފޮޓޯ؛ ހަފްތާ.
އެންމެ މަޤްބޫލު
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)އާ އެކު ރާއްޖެއިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް ސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުލައި، އިންސާފު ގާއިމްކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ.
ވެހިރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ގުޅުނުތާ 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މި ވޭތުވެދިޔަ 50 އަހަރު، ދިވެހިރާއްޖެއިން ވަނީ އޯ.އައި.ސީ. މެދުވެރިކޮށް މުސްލިމް ޤައުމުތަކާ ގުޅުން ބަދަހިކޮށް، މި ގައުމުތަކަށް މުހިންމު ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. މިއަދު މި މުނާސަބު ފާހަގަކުރަމުންދާއިރު އޯ.އައި.ސީ. ގެ މެންބަރު ޤައުމުތަކުގެ މެދުގައި ހިއްސާކުރާ އިސްލާމީ ރިވެތި އުޞޫލުތަކަކީ ދިވެހިންނާ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަމުގައި ފާހަގަކުރަންޖެހޭކަމަށް ބަޔާނުގައިވެއެވެ.
އޯ.އައި.ސީ. ގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރަކީ އޯ.އައި.ސީ.އާއި އިސްލާމީ އުއްމަތުގެ މަޞްލަޙަތު ޙިމާޔަތްކުރުމުގައި ދިވެހި ރާއްޖެއިން ދޭ އަހަންމިއްޔަތުކަމުގެ ހެއްކެއްކަން ފާހަގަކުރަމުން ބަޔާނުގައި ބުނީ މީގެ ތެރޭގައި، ދިވެހިރާއްޖެއިން އޯ.އައި.ސީ. ގެ މަތީ ފަންތީގެ ބައްދަލުންތައް ކަމުގައިވާ އިސްލާމިކް ސަމިޓް، ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތައް، އަދި އެހެނިހެން ބައްދަލުވުންތަކުގައި ބައިވެރިވުން ހިމެނޭކަމަށެވެ. މީގެ އިތުރުން ފަލަސްތީނާއި ރޮހިންޔާގެ މުސްލިމުންނާއި އަދި ދަތިތަކާ ކުރިމަތިވެފައިވާ އެހެނިހެން މުސްލިމް މުޖްތަމަޢުގު ހައްޤުތަށް ހިމާޔަތްކުރުމަށް ދިވެހިރާއްޖެ އަބަދުވެސް ދަނީ މަސައްކަތްކުރަމުންކަން ފާހަގަކޮށްފައިވެއެވެ.
"މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުން، އަންހެނުން ބާރުވެރިކުރުވުން، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ފަދަ މުހިންމު ކަންތައްތަކަށް ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް އޯ.އައި.ސީ. މެދުވެރިކޮށް ވަކާލާތުކުރުމަށް ލިބޭ ފުރުސަތުތައް އަބަދުވެސް ރާއްޖެއިން ބަލައިގަނެއެވެ. އަދި އޯ.އައި.ސީ. ގެ އެކުވެރި މެންބަރު ޤައުމުތަކުން ދިވެހިރާއްޖޭގެ އިޤްތިސާދު ހަރުދަނާކުރުމަށް ދޭ އެހީގެ އިތުރުން އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ބޮޑު އެއްބާރުލުމެއް ފޯރުކޮށްދެމުންގެންދެއެވެ،" ބަޔާނުގައިވެއެވެ.
އޯ.އައި.ސީ. އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައްޔާއި މުސްލިމް އުއްމަތައް ކުރިމަތިވެފައިވާ އެހެނިހެން ގޮންޖެހުންތައް ހައްލުކުރުމުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެއްކަމަށް ބަޔަނުގައި ބުނެފައިވެއެވެ. 1976 ވަނަ އަހަރު ދިވެހިރާއްޖެއިން އޯ.އައި.ސީ އާއި ގުޅުނު ފަހުން 50 އަހަރު ފުރުމުގެ ހާއްސަ މުނާސަބު ފާހަގަކުރަމުންދާއިރު، އޯ.އައި.ސީ. ގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖެއިން މަސައްކަތް ކުރުންމަތީ ދެމި އޮންނާނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ އޯއައިސީގެ މެމްބަރު ގައުމުތަކާއި ދިވެހި ރައްޔިތުންނަށް އަރުވާފައވެެ. އަދި އޯ.އައި.ސީ. އާއެކު ދިވެހިރާއްޖެއިން އިތުރަށް ގުޅުން ބަދަހިކޮށް، އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުލައި، އިންސާފު ގާއިމްކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ދާނެކަމަށް ޚާރިޖިއްޔާގެ ބަޔާނުގައި ބުންޏެވެ.