ENGLISH
26 ޖުލައި 2026
ކޮންމެ މީހަކުމެ ރިވެތި އަހުލާގީ ސިފަތަކުން ޒީނަތްތެރިވުމަށް ރައީސް އިލްތިމާސްކުރައްވައިފި
26 ޖުލައި 2026
|
ރާއްޖޭގެ 61 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތަކީވެސް ރިވެތި އަޚުލާޤާއި ސިފަތަކުން ޒީނަތްތެރިވެފައިވާ މީހަކަށްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު އެރުވުމަށް ނިންމެވި މުހިންމު ސަބަބުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ބޭފުޅުންނަކީ ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަމުގެ އިތުރުން މުރާލިކަމާއި ކެތްތެރިކަމުގެ އިންތިހާ ނަމޫނާ ދައްކަވާފައިވާ ބޭފުޅުންނެވެ. ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިފަދަ މަތިވެރި ސިފަތައް މުޅި މުޖުތަމައުގައި އަށަގެންނެވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތާރީޚީ ހަގީގަތްތަކަށް ރިއާޔަތްކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކީ މި ދެންނެވި ރިވެތި އާދަތަކާ ދުރުވި ބައެއްގެ ސަބަބުން މެދުވެރިވި ހިތާމަވެރި ހާދިސާތަކެއް ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން އަލުން ހޯއްދަވައިދެއްވި ބަތަލުންގެ ޖިހާދުން ފެންނަން އޮތީ ވެސް މިފަދަ މަތިވެރި އަޚުލާޤީ ސިފަތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މައިގަނޑު ތަނބުތައް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، މާދަރީ ބަހާއި، މުއްސަނދި ސަގާފަތް ދިރުވައި އާލާކުރުމުގެ އަޒުމް ކޮންމެ ދިވެއްސެއްގެ ހިތުގައި އޮންނަންވާނެ. އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، އެކުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަކީ މި ރާއްޖެއަކީ ދިވެހީންގެ ހަގީގީ ރާއްޖެއެއްގެ ގޮތުގައި ބިނާކުރުމަށް އޮތް އެންމެ ސާބިތު މަގު" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މިނިވަންކަމުގެ ހަގީގީ މާނައަކީ ހަމައެކަނި ސިޔާސީ މިނިވަންކަން ނޫންކަން ފާހަގަކުރައްވައި، ޚާރިޖީ އަދި ދާޚިލީ މިނިވަންކަމާއި، ޝަރުޢީ ދާއިރާގެ މިނިވަންކަމުގެ އިތުރުން އިގްތިސާދީ އަދި އިޖުތިމާޢީ މިނިވަންކަމަކީވެސް ޤައުމުގެ ސިޔާދަތާ ގުޅިފައިވާ މުހިންމު ބައިތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނީ ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.