ENGLISH

22 އޭޕްރީލު 2025

Advertisement

މި ހަފްތާ ނިމުމުގެ ކުރިން ފްލެޓް ލިސްޓް ހާމަކުރާނަން: ރައީސް

23 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރަން ނިންމި 4000 ފްލެޓްގެ ދާއިމީ ލިސްޓް މި ހަފްތާ ނިމުމުގެ ކުރިން އިޢުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކުރީ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް މި ސަރުކާރުން ވެސް ކުރިއަށް ގެންގޮސް ނިންމުމާއެކު، އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

"އަޅުގަނޑު ރިޔާސީ ބަޔާނުގައި ވެސް ދެންނެވިން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅައި އަޅުގަނޑުމެން މި ރޯދަ މަސް އައުމުގެ ކުރިން އިއުލާންކުރާނަމޭ. އެ މަސައްކަތް ދަނީ ހަމަ އެގޮތަށް ބާރަށް. މި ހަފްތާ ނިމުމުގެ ކުރިން އަޅުގަނޑު ރިޔާސީ ބަޔާނުގައި އެ ޔަގީންކަން ދިން ގޮތަށް އެ 4000 ފްލެޓް، އޭރު އިއުލާންކުރި 4000 މީހުންގެ ލިސްޓް، އޭސީސީން ފާހަގަކުރި ކަންކަން ބަލާފައި އަޅުގަނޑުމެން އެ ލިސްޓް އިއުލާން ކުރާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ރިޔާސީ ބަޔާން އިއްވި ދުވަހު އެ ދެންނެވި ގޮތަށް އެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަނީ ގުޅީފަޅާއި ހުޅުމާލެ ފޭސް3 އާއި ގިރާވަރުފަޅުން ގޯތިދިނުމަށް ކުރީ ސަރުކާރުން ހިންގި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީންކަމަކީ މި ގޯތިތައް ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ހަދައިދިނުމުގައި އެކަމުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ވަރަށް އިސްކަން ދީގެން އެކަން ހައްލުކުރުމުގެ މަސައްކަތް އެބަ ގެންދަމޭ،" ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެ ސަރުކާރުން ވަނީ ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓެއް އާންމުކޮށްފަ އެވެ. ނަމަވެސް އެ ލިސްޓާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލިސްޓުކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށް ބުނެފައެވެ. 

އޭސީސީން ހުށަހެޅި މި މައްސަލައިގެ ސަބަބުން މި ސަރުކާރަށް މަޖުބޫރުވީ މި ލިސްޓުގެ ފުރިހަމަ ރިވިއުއެއް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު