ENGLISH
22 އޭޕްރީލު 2025
ކުޑަހުވަދޫގައި ހައުސިން ސްކީމް ހިންގާނީ ގޯތީގައި ވެސް ތިން ކޮޓަރީގެ ގެއެއް އިމާރާތްކުރެވޭ ގޮތަށް: ރައީސް
23 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ބަޔަކާ ސަލާމްކުރައްވަނީ-- ފޮޓޯ/ރައީސް އޮފީސް
ދ. ކުޑަހުވަދޫގެ ހަސުއިން ޔުނިޓްތަކުގެ މަޝްރޫއު ހިންގަވާނީ ބޭނުންވާ ފަރާތްތަކަށް އަމިއްލަ ގޯތީގައި ވެސް ތިން ކޮޓަރީގެ ގެއެއް އަޅައިދެވޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ހުރިހާ ރަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާ ކުޑަހުވަދޫގައި ހިންގަން ނިންމަވާފައިވާ 500 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ އަމިއްލަ ގޯތީގައި ގެއެއް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް، އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެއެއް އިމާރާތްކޮށްދޭ ގޮތަށް ކަމަށެވެ.
"މި 500 ހައުސިން ޔުނިޓުގެ ތެރެއިން ތިޔަބޭފުޅުންގެ އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންވާ ފަރާތްތަކެއް ވާނަމަ އެކަން ފާހަގަ ކޮށްދިނީމަ، މި 500 ހައުސިން މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ ތިޔަބޭފުޅުންގެ އަމިއްލަ ގޯތީގައި ގެއެއް އަޅައިދޭން. ގެ އަޅައިދޭން ކަނޑައަޅާ އަދަދު ކަނޑައަޅާފައި ބާކީވާ އަދަދު ފްލެޓް އަޅާ މަޝްރޫއެއްގެ ގޮތުގައި އަޅާނީ. އޭރުން އަމިއްލަ ގޯތީގައި އިރާދަކުރެއްވިއްޔާ ގެއެއް ބިނާވީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުޑަހުވަދޫގައި ކުރިއަށް ގެންދަން ނިންމަވާފައިވަނީ ތިން ކޮޓަރީގެ ހައުސިން ޔުނިޓުގެ މަޝްރޫއެއްކަމުން ގޯތިތަކުގައި ވެސް އިމާރާތްކޮށްދެވޭނީ ތިން ކޮޓަރީގެ ގޭގެ ކަމަށެވެ. އެއީ އަލަށް ދިރިއުޅުން ފަށާ އާއިލާއަކަށް އެކަށީގެންވާ ވަރުގެ ގެއަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ދަށުން ހައުސިން މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ހައުސިން ލޯނު ސްކީމްގެ ދަށުން ކުޑަހުވަދޫގައި ގެދޮރު އިމާރާތްކުރުމަށް ތިން މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާނެ ކަމަށެވެ.
ދ. ވާނީގެ ރައްޔިތުން ވެސް މިހާރު ދިރިއުޅެމުންދާ ކުޑަހުވަދޫއަށް އިތުރު ރަށެއްގެ ބަޔަކު ބަދަލުވެއްޖެނަމަ، ކުޑަހުވަދޫގައި އިތުރު ހައުސިން މަޝްރޫއުތައް ވެސް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.