ENGLISH
22 އޭޕްރީލު 2025
ދ. ގެ ފުރަތަމަ މަންޒިލަކަށް ކުޑަހުވަދޫ، ރައީސަށް ހޫނު މަރުހަބާއެއް
23 ފެބްރުއަރީ 2025
|
ރައީސް ކުޑަހުވަދޫއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ކުޑަހުވަދޫއަށް ވަޑައިގެންފި އެވެ.
ކުޑަހުވަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. ކުޑަހުވަދޫއަށް ރައީސް ވަޑައިގެންނެވިއިރު އެ ރަށުގެ ވަރަށް ގިނަ ބަޔަކު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޖަމާވެފައިވެ އެވެ.
ރައީސް ވަނީ ކުޑަހުވަދޫގެ ރައްޔިތުންނާއި ސަލާމް ކުރައްވާފަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ. މިގޮތުން މި ދައުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.