ENGLISH
22 އޭޕްރީލު 2025
ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި
23 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަހުވަދޫއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ކުޑަހުވަދޫގައި ސަރުކާރުން އަލަށް ޤާއިމްކުރާ އަތޮޅު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ އަތޮޅު ހޮސްޕިޓަލުގެ މަސައްކަތް ކުރާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. ހޮސްޕިޓަލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ޞިއްހީ ވުޒާރާގައި ބާއްވާފައެވެ. އެ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމްއެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްބާހް ޢަލީ ނަސީރު އެވެ.
ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމަން 18 މަސް ދުވަސް ކަނޑައަޅާފައިވާއިރު، ހޮސްޕިޓަލް އިމާރާތް ކުރުމަށް 181 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
އަލަށް ޤާއިމްކުރާ ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތާއި ޑެންޓަލް އަދި ކަށީގެ ޚާއްޞަ ފަރުވާ ލިބޭނެއެވެ. އަދި، ޕްރައިވެޓް ރޫމްތަކާއި، ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޚާއްޞަ ފެސިލިޓީތަކާއި އެ މުވައްޒަފުންގެ ތަމްރީނުތަކަށް ޚާއްޞަ ފެސިލީތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ކުއްލި ހާލަތުގައި ފަރުވާދެވޭނެ ޚިދުމަތްތަކާއި ފްލޫ ކްލިނިކެއްގެ އިތުރުން އައިސޮލޭޝަން ފެސިލިޓީގެ ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަތުރުފުޅުގައި މިއަދު ވަނީ ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިމާރާތުގެ ބިންގާވެސް އަޅުއްވައިފައެވެ. ބީއެމްއެލް އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ހަބީބް އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.
ކުޑަހުވަދޫގައި މިހާރު ބީއެމްއެލްގެ ޚިދުމަތް ދެނީ އަމިއްލަ ފަރާތެއްގެ އިމާރާތެއްގައެވެ. ބީއެމްއެލްގެ އަމާޒަކީ އާ ޚިދުމަތްތަކާއެކު މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ބީއެމްއެލް އިމާރާތުގެ މަސައްކަތް ނިންމާލުމެވެ.
ކުޑަހުވަދޫގައި ބީއެމްއެލްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން އެރަށުގައި މިއަދު ވަނީ ސެލްފް ސަރވިސް އޭޓީއެމްއެއްގެ ޚިދުމަތްވެސް އަލަށް ފަށައިފައެވެ.
ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ފުރާވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.