ENGLISH
22 އޭޕްރީލު 2025
އިސްވަރުގެ އިރުވައި މޫސުމުގެ ހިޔަވިހާ ނަކަތަށް ޚާއްސަ ސިންތާ ބާއްވައިފި
23 ފެބްރުއަރީ 2025
|
"ދިވެހީން ތަޖުރިބާކުރި މޫސުމީ ކާރިސާތަކަށް ޢިލްމީ ކަޅިއެއް" އެއްގެ ނަމުގައި ކަޅުއޮށްފުންމީގެ އައު ސިންތާއެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރަށް މަތިކޮށްފައިވާ އިސްވަރުގެ މަސައްކަތްތަކުގެ ތެރެއިން ކޮންމެ މޫސުމެއްގައި އާންމު ބައްދަލުވުމެއް ބޭއްވުމުގެ ޒިންމާގެ ދަށުން ކުރިއަށް ގެންދާ "ކަޅުއޮށްފުންމި" ސިލްސިލާގެ ސިންތާއެކެވެ. މިއީ ދިވެހި ގައުމިއްޔަތު ކުރިއަރުވައި، ދިވެހިންގެ އަސްލުވަންތަ ސިފަތަކަށް އިޔާދަވުމަށް މި ސަރުކާރުން ކުރައްވާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން މޫސުމީ ގޮތެއްގައި ރާވައި އިންތިޒާމް ކުރުމަށް އިސްވަރު ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މި އިރުވައި މޫސުމުގެ ހިޔަވިހާ ނަކަތަށް ޚާއްސަ ކުރާ ސިންތާއެވެ.
އިސްވަރު އޮފީހުގައި މިއަދު މެންދުރު ކުރިއަށް ދިޔަ މި ސިންތާގައި މައުޟޫއަށް މައުލޫމާތު ދެއްވާފައިވަނީ މޫސުމާ ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ ޙުސައިން ވަޙީދެވެ. ހުސައިން ވަޙީދަކީ މޫސުމީ ދާއިރާގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާ މިދާއިރާގެ ގިނަ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ 2024 ވަނަ އަހަރު، ޖިއޯސްޕޭޝަލް ޓެކްނޮލޮޖީސް ފޮރ ޑިޒާސްޓަރ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
މި ސިންތާ ޝަރަފުވެރިކޮށްދެއްވާ ފައްޓަވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި އިސްވަރު ކައުންސިލުގެ 5 އިސްވާރުންވެސް މި ސިންތާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އިސްވާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ދިވެހި ތާރީޚުގެ އިސްވާރު ކަށިމާ އަޙްމަދު ޝާކިރެވެ. ޝާކިރުގެ ވާހަކަފުޅުގައި ވިދާޅުވީ މިއީ ހަމައެކަނި ފަސް މީހުންގެ މަސައްކަތު ދާއިރާއެއް ނޫން ކަމަށާއި މި ވުޒާރާއާ މި އޮފިސް އަދި މި ހޯލް މަރުހަބާ ކިޔަނީ ރާއްޖޭގައި ތިއްބެވި ޢިލްމީ ބޭފުޅުންނަށް ކަމަށެވެ. އިލްމީ ދިރާސާތަކާއި އަދި އެ ހުށަހަޅަން ބޭނުންވެފައިވާ ފަރާތްތަކަށް ހުޅުވާލެވޭ ގައުމީ ދޮރާށްޓެއްކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛް ކަށިމާ އަޙްމަދު ޝާކިރް
މި ރަސްމިއްޔާތުގައި ދުވަހުގެ މައުޟޫއާ ގުޅޭ ގޮތުން ސުވާލާއި ޖަވާބުގެ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިއަދު ކުރިއަށް ދިޔަ ސިންތާގައި ވަނީ "ދިވެހި ތާރީޚަށް އައު އަލި ކަމެއް"ގެ ނަމުގައި ޝާއިޢުކޮށްފައިވާ ފޮތުގެ ޑިޖިޓަލް ކޮޕީއެއް ވުޒާރާއަށް ހަދިޔާކޮށްފައެވެ. މިއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ ފޮތެކެވެ.
ދިވެހި ގައުމިއްޔަތު އިޔާދަކޮށް ކުރިއެރުވުމުގެ ޤައުމީ މަސައްކަތުގެ ތެރެއިން ދިވެހީން ދިވެހިވަންތަ ސިފަތަކަށް ރުޖޫޢަވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހާއްސަ ތަސައްވުރެކެވެ. އެގޮތުން ގައުމިއްޔަތުގެ ބަހާތަކަށް ޢިލްމީ ނަޒަރަކުން ބަލައި، މި މަފްހޫމްތައް ރައްޔިތުންނާ ޙިއްސާ ކުރުމަށް ބަހާ ބެހޭ ވުޒާރާއިން ދަނީ އެކި ފެންވަރުގައި ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި ބަހާތައް ތަރައްޤީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އުފެއްދެވި ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ގައުމިއްޔަތުގެ މި ދާއިރާ ތަރައްގީ ކުރުމަށްޓަކައި މިދިޔަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އުފެއްދެވި ކައުންސިލެކެވެ. މީގެ އިތުރުން ގައުމިއްޔަތަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ ދަށުން އިސްވަރުގެ މަސައްކަތް ފުޅާކޮށް، ގައުމިއްޔަތުގެ ދާއިރާއިން ޢިލްމީ ދިރާސާކުރާނޭ ދިވެހި ތަރިކައިގެ ކޮލެޖެއް ޤާއިމްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބަހާ ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ ކުރަމުންނެވެ.