ENGLISH

22 އޭޕްރީލު 2025

Advertisement

ޖަމާޢަތް ހަދައިގެން ތަކުރާރުކޮށް މާރާމާރީ ހިންގާ ތިން މީހަކު ބަންދު ކުރަން އަމުރެއް

23 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

ކްރިމިނަލް ކޯޓް - ފޮޓޯ: އެޑިޝަން އެމްވީ

މާލެ ސަރަހައްދުގައި ސިލްސިލާކޮށް މާރާމާރީ ހިންގާ ބަޔަކު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. 

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދުގެ އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 18 އަހަރުގެ މީހަކާއި، 26 އަހަރުގެ އަދި 27 އަހަރުގެ މީހެކެވެ. 

އެ ތިން މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ ތުހުމަތެވެ. 

ކޯޓު އަމުރުގައި ބުނީ ތިން މީހުންނަކީ ވެސް ސިލްސިލާކޮށް މާރާމާރީ ހިންގައި މާރާމާރީ ހިންގާ ގްރޫޕްތަކަށް ނިސްބަތްވާކަމުގެ ހެކި ހުށަހަޅާފައި މީހުން ކަމަށެވެ. 

އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ހަތް ދުވަހަށް އަދި އަނެއް މީހާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ބަންދު އަމުރުގައި ވެއެވެ. 

ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވަން ސަރުކާރުން މިހާރު ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެފަަދަ ކުށްތައް ހުއްޓުވުމާ ބެހޭ ބިލެއްގެ މަސައްކަތް ވެސް މަޖިލީހުގައި މިހާރު ކުރިއަށް ދާއިރު ކުށްކުރާކަން ކަނޑައެޅިގެން އެނގޭއިރުވެސް، މިހާރު ޤާނޫނުތައް އޮތްގޮތުން މައްސަލަ ސާބިތުކޮށް ފިޔަވަޅުއެޅުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. 

މީގެ އިތުރުުން ވަރަށް ނާޒުކު މައްސަލަތަކުގައި ވެސް ކުށްކުރާ މީހުން އަނބުރާ މުޖުތަމައުއަށް ދޫވެގެންދާތަން ފެންނަކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުށްކުރާ މީހުންނަށް ގާނޫނުގެތެރެއިން ސަލާމަތްވެވެން އޮތް ގޮތްތައް ބަންދުކޮށް، އެންމެ ހަރުކަށި ފިޔަވަޅު އެޅުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަކުރާރުކޮށް ކުށްކުރާ މީހާ ގާނޫނުގެ އަތްދަށުން ދޫވެގެން ނުވާނެކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް އެ ފުރުސަތު ފުޅާ ދާއިރާއެއްގައި ދެމުންގޮސްފައި އޮތްތަން ފެންނަން އެބައޮތްކަމަށާއި، އިދާރީ ކުޑަކުޑަ މައްސަލައެއްގެ ސަބަބުން ނުވަތަ ނަގަންޖެހޭ ފިޔަވަޅެއް ނުނެގުނޭ ކިޔާފައި އެފަދަ މީހުން ސަލާމަތްވެގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއެކު، ކުށްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު