ENGLISH
22 އޭޕްރީލު 2025
ވިސްލްބްލޯ ކުރި މުވައްޒަފަކު ވަކިކުރި ވާހަކަ ދޮގުކޮށް ކުރީގެ މެނޭޖްމަންޓުން ހިންގި ކޮރަޕްޝަނަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ހާމަކޮށްފި
23 ފެބްރުއަރީ 2025
|
މޯލްޑިވްސް ޕޯސްޓް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ކުރީގެ މެނޭޖްމަންޓުން ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް އެ އޮފީހުން ހާމަކޮށްފިއެވެ.
ވިސްލްބްލޯ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ އެ އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ.
އެކަމާ ގުޅިގެން ޕޯސްޓް އޮފީހުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އަދި އެ ބަޔާނުގައި ކުރީގެ މެނޭޖްމަންޓުން ކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ވެސް ޕޯސްޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ނެރުނު ބަޔާނުގައި ބުނީ އެއްވެސް މުވައްޒަފަކު ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި ވިސްލްބްލޯ ކުރި މުވައްޒަފަކު ވަކިކޮށްފައިވާކަމަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ޚަބަރު ފަތުރަމުން ދިޔުން، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ވަކި ކުރި މުވައްޒަފާ ގުޅިގެން ޕޯސްޓު އޮފީހުން ބުނެފައިވަނީ ވަކިކުރެވުނު މުވައްޒަފަކީ މަސައްކަތު ޕާފޯމަންސާއި އަޚްލާގާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން، 10 މަސްދުވަހުގެ މުއްދަތަކަށް ނަސޭހަތާއި އިންޒާރު ދީ، "ޕާފޯމަންސް އިމްޕްރޫވްމަންޓް ޕްލޭން" އެއްގެ ދަށަށް ގެނައުމުން ވެސް، ޕާފޯމަންސާއި މަސައްކަތު އަޚުލާގާއި ސުލޫކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ ވަކިކުރެވިފައިވާ މުވައްޒަފެއް ކަމަށެވެ.
މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ހަމައަށް މުވައްޒަފާމެދު އެޅުނު ހުރިހާ އިސްލާހީ ފިޔަވަޅުތަކެއް އެޅިފައި ވަނީ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދާއި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހަމަތަކުގެ ތެރެއިން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދެކޮޅަށް ފަތުރަމުންދާ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ދޮގު ކޮށްފައެވެ.
އެގޮތުން ބަޔާނުގައި ބުނެފައިވަނީ މިދިޔަ މެނޭޖުމަންޓުން، އެކުންފުނީގެ ވަޒީފާއަށް އިއުލާނު ނުކޮށް، އިންޓަވިއުކުރުމެއް ވެސް ނެތި، މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުންކަމަށް ބުނެ މެރިޓް އުސޫލުގެ ބޭރުން 49 މީހަކަށް ވަޒީފާ ދީފައިވާ ކަމަށެވެ.
ވަޒީފާ ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ސީނިއަރ މަގާމުތައް ދީ، އުސޫލުން ބޭރުން ވަޒީފާދިން މީހުންނަށް ކުންފުނީގެ ގިނަ ދުވަސްވީ ވެރިންނަށާއި މުވައްޒަފުންނަށް ވުރެ ބޮޑު މުސާރަ ދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެކަންކަމުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕޯސްޓް ޝޮޕްގެ އެއްބަސްވުމަކީ ކުރީގެ މެނޭޖްމަންޓުން ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި، މިހާރުގެ މެނޭޖްމަންޓުން މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ކަމަށް ޕޯސްޓުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމާއެކު، ކުރިހާ ވެސް ކަމަކީ މި އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށެވެ. ނަމަވެސް، ކުންފުނީގެ ތެރެއިންނާއި ބޭރުން ގުޅުންހުރި އަދި މަސްލަހަތު އޮތްކަމަށް ބެލެވޭ ފަރާތްތަކުގެ ބޭނުމަކީ އެއްބަސްވުން އުވާލުމަކީ މިހާރުގެ މެނޭޖްމަންޓަށް އެކި ކަހަލަ ތުހުމަތުކޮށް، ހަގީގަތް އޮޅުވާލައި ކުންފުނީގެ ވެރިންނާއި މުޅި މެނޭޖްމަންޓް ބަދުނާމު ކުރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ އިސްވެރިން ގަޑިޖެހޭ ގަޑިއަކީ 8:31 ކަމަށާއި ގަޑި ޖެހިއްޖެނަމަ ގަޑިލާރި ނުނެގޭނެކަމަށް ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމާ ޚިލާފަށް މިދިޔަ މެނޭޖްމެންޓުގައި ސިޔާސީ މުވައްޒަފުންނަށް ގަޑި ނުޖެހުމުން ދޭ ފައިސާ ދިންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕޯސްޓު އޮފީހުން ބުނީ ކިތަންމެ ލަހުން ޑިއުޓީއަށް އަޔަސް އެޗްއާރު ސިސްޓަމްގެ ތެރެއިން ގަޑި ބަދަލުކޮށް ކުރީގެ މެނޭޖުމަންޓުން އެ ފައިސާ ބައެއް މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ޕޯސްޓު އޮފީހުން ވަނީ ކުރީގެ މެނޭޖްމަންޓުން ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ހާމަކޮށްފައެވެ.
އެހެންކަމުން ޕޯސްޓުން އެދިފައިވަނީ މި މައްސަލަތައް ކަމާބެހޭ އިދާރާތަކުން އަވަހަށް ބަލައި ނިންމުމަށެވެ.