ENGLISH

22 އޭޕްރީލު 2025

Advertisement

ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

23 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ނ. ހޮޅުދޫގައި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ބުނީ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މި މައްސަލައިގެ ތަޙުޤީޤު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް އެ ކޮމިޝަނާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދާފައިވާ ކަމަށާއި އެ މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ނ. ހޮޅުދޫ، ނިއުލައިފް، ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންނަމަވެސް، ޒަކިއްޔާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއް ވެސް އޮތްކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި މިދިޔަ މަހު ފުލުހުން ބުނި ގޮތުގައި، ޒަކިއްޔާގެ މަރުގެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދުމަށް ވެސް ވަނީ އެދިފަ އެވެ.   

ކިޔުންތެރިންގެ ހިޔާލު