ENGLISH

22 އޭޕްރީލު 2025

Advertisement

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުންނާއި ސިފައިން ވެސް ހަރަކާތްތެރިވޭ

23 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ގަލޮޅު ދަނޑުގައި މަސްދަޅު ބެހުމުގައި ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ:އެމްއެމް

ދިވެހި ސަރުކާރުގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގައި ސިފައިންނާއި ސްޓެލްކޯގެ މުވައްޒަފުން ވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް މަސްދަޅު ބެހުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ 13 މަރުކަޒެއްގައި މަސްދަޅު ބެހުމުގެ މަސައްކަތް މިހާރު ފަށާފައެވެ. އަދި އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް، މަސްދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒު އަދި ވަގުތު އިޚްތިޔާރުކޮށް ޓޯކަން ނެގޭނެ ގޮތަށް ވެސް ހަމަޖައްސަވާފައެވެ.

ސްޓެލްކޯގެ މުވައްޒަފުން ޕޮލްކޯ ފްލެޓް ސީ ބްލޮކްގައި މަސްދަޅު ކޭސް ބެހުމުގައި ހަރަކާތްތެރިވަނީ

މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ސިފައިން ވަނީ ގަލޮޅު ދަނޑުގައި ގާއިމް ކޮށްފައިވާ ހަތަރު ޑިސްޓްރިބިއުޓިން ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން ވަނީ ޕޮލްކޯ ފްލެޓް ސީ ބްލޮކްގައި މަސްދަޅު ކޭސް ބެހުމުގައި ހަރަކާތްތެރިވެފައެވެ. މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސްޓެލްކޯގެ އެމްޑީ މުވައްޒަފުންނަށް ޝުކުރުއަދާ ކުރެއްވީ އެކްސްގައ ކުރެއްވި ޕޯސްޓެއްގައި

މަސްދަޅު ކޭސް ދޫކުރުމަށް ކަރަންޓު މީޓަރ ނަމްބަރު ބޭނުންވެއެވެ. އޮންލައިންކޮށް ނަމްބަރު ނެގުމުގެ ކުރިން ގިނަބަޔަކު ސްޓެލްކޯގެ މީޓަރ ނަމްބަރު ހޯދުމަށް، ސްޓެލްކޯގެ އެޕްލިކޭޝަން ބޭނުންކުރަމުން ދިޔަ ވަގުތެއްގައި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަންއަށް ވަނީ ޑީޑޮސް ހަމަލާއެއް އަމާޒު ވެފައެވެ. މިކަމުގެ ސަބަބުން ވަގުތު ކޮޅަކަށް އެޕްލިކޭޝަން ހުއްޓުނު ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ކުންފުނިން ވަނީ ހަމަލާތައް ހުއްޓުވާފައެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދުކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު