ENGLISH

22 އޭޕްރީލު 2025

Advertisement

ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

22 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫ އަށް ވަޑައިގެން އެރަށުގައި ވެމްކޯގެ ޚިދުމަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވާނެކަމަށް ވިދާޅުވިފަދައިން، މިއަދު އެރަށުގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ދިއްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގް އިބްރާޙިމެވެ.

ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

 މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމަކީ އެރަށުގެ ތިމާވެށި ހިމާޔަތް ކުރެވުމާއެކު ރައްޔިތުންގެ ސިއްޙަތުގެ އިތުރުން ލޯކަލް ވިޔަފާރިތަކަށް ވެސް އެކަމުން ފައިދާކުރާނެ ކަމެއް ކަމަށެވެ. ވަޒީރުގެ ވާހަކާގައި ވަނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ކުޑަކުދިންނަށްވެސް މުހިއްމު ދަޢުރެއް އަދާކުރެވިދާނެކަމަށް ފާހަގަ ކުރައްވާފައެވެ.

"އަސްލު ހަޤީޤަތުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ބާރު އަޅައިދޭ އެއް ބަޔަކީ ތުއްތު ކުދިން. ސްކޫލް ދަރިވަރުން. އެކުދިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ރަނގަޅު ގޮތުގައި ދެވިއްޖެކަމުގައި ވަންޔާމުން ގޭގެއިން ނިކުންނަ ކުނި ހުންނާނީ ރަނގަޅަށް ބައި އެޅިފައި. ހުންނާނީ އެކަންތައް ކުރަން ފަސޭހަވެފައި." - ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގް އިބްރާޙިމް

މި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅާ ވިދާޅުވީ ވެމްކޯގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް، ރަށެއްގެ ކައުންސިލުން ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްގެންދެވޭނެ ކަމަށެވެ. ރަށްރަށުގެ ކުނިގޮނޑު ފުރުމުން ވެމްކޯގެ ސައިޓަކަށް އެކުނިތައް ޓްރާންސްފާ ކުރުމުގެ ޚިދުމަތް، ކައުންސިލް ތަކުން އެދުމުން މިހާރުވެސް ވެމްކޯއިން ފޯރުކޮށްދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުންދަނީ ރަށްރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު