ENGLISH
22 އޭޕްރީލު 2025
ރަމަޟާންމަހު ކަރަންޓުގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށް މާލޭގެ ކަރަންޓު ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރަނީ
22 ފެބްރުއަރީ 2025
|
ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ޖަނަރޭޓަރުތައް ބަހައްޓާ ސައިޓު-- ފޮޓޯ: އެމްއެމްޓީވީ
ރަމަޟާންމަހު ކަރަންޓުގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށް މާލޭގެ ކަރަންޓު ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މި މަސައްކަތަކީ މި އަހަރުގެ ރޯދަ މަސް ހޫނު މޫސުމާ ދިމާވާތީ، ކަރަންޓު ބޭނުންކުރުމުގައި ދިމާވެދާނެ ދަތިކަމެއް ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ. އަދި ޖުމްލަ 17 މެގަވޮޓްގެ 13 އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިސައިޓުގައި މިގެންދާ މަސައްކަތަކީ މިރޯދަމަހަށް ބޭނުންވާ އިންޖީނުތައް އިންސްޓޯލް ކުރުން. ގާތްގަނޑަކަށް 17 މެގަވޮޓްގެ އިންޖީނު، 13 އިންޖީނު އަޅުގަނޑުމެން އެބަ އިންސްޓޯލް ކުރަން،" ފަހުމީ ވިދާޅުވިއެވެ. "މިދިޔަ ރޯދަމަސް ވެސް އަދި މިރޯދަ މަސްވެސް މިއަންނަނީ ހޫނު މޫސުމާ ދިމާލަށް. ހޫނު މޫސުމާ ދިމާކޮށް މިއަންނަނީ. އެހެންވީމަ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކުރާ މަސައްކަތެއް މިމަސައްކަތަކީ."
ފަހުމީ ވިދާޅުވީ މަސައްކަތަށް ބޭނުންވާނެ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލްތައް ސްޓެލްކޯއަށް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި ބިން ސާފުކޮށް، ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ. އަދި ހުއްޓުމެއް ނެތި 24 ގަޑިއިރު މިކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯގެ އެމްޑީ ވަނީ، ރޯދަމަހު ކަރަންޓު އިޤްތިޞާދު ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އެގޮތުން މިއަހަރުގެ ރޯދަމަސް ދިމާވަނީ ހޫނުމޫސުމުގެ އިތުރުން ސްކޫލް ބަންދަކާ ވެސް އެކުގައިކަމުން ގޭގައި އުޅޭ މީހުން ގިނަވާނެތީ މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެހެން ނޫންނަމަ ކަރަންޓު ބިލު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ރޯދަމަސް މިއަންނަނީ އަނެއްކާ ސްކޫލް ބަންދަކާ އެއްކޮށް. ކުޑަކުދިންވެސް ތިބޭނީ އަދި ވަަރަށް ގިނަ އަދަދެއްގެ ރައްޔިތުންވެސް ތިބޭނީ ގޭގައި. އެހެންމަ ގޭގޭގެ ކަރަންޓު ބިލު އަރާ އެއްޗެއް ބޮޑުވުމުގެ ފުރުސަތު އެބޮތް. އެހެންމަ އެކަންތައް ކުޑަކުރުމަށްޓަކާ ކުރިޔާލާ މަސައްކަތް ކޮށްފިއްޔާ ހަމަ ކަރަންޓު ބިލު ކުޑަވާނެ އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވޭ..." ފަހުމީ ވިދާޅުވިއެވެ.
އަދި މިކަމަށް އެންމެ ބާރުގަދަ އެއް ޓޫލްއަކީ ގޭގައި އުޅޭ ތުއްތު ކުދިން ކަމަށާއި ބޮކިފަދަ ތަކެތި ނިވާލަން ހަނދައިންކޮށްދިނުމުގެ އިތުރުން އެކުދިން އަމިއްލައަށް ވެސް އެފަދަ ތަކެތި ނިވާލަން އެކުދިންނަށް ދަސްކޮށްދިނުމަށް ފަހުމީ އެދިވަޑައިގެންނެވިއެވެ.
މިއަހަރުގެ ރަމަޟާން މަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު 132 މެގަވޯޓަށް އަރާނެކަމަށް ލަފާކުރެވޭކަަމަށް ފަހުމީ ވިދާޅުވިއެވެ.