ENGLISH
22 އޭޕްރީލު 2025
މިއީ ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރާނެ ސަރުކާރެއް: މެމްބަރު ޝުޖާޢު
22 ފެބްރުއަރީ 2025
|
ބާރަށު ދާއިރާގެ މެމްބަރު ޝުޖާ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ގެންގުޅޭނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތެއް ކަމަށާއި، އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ބަސް އަހައިގެން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު (ޝުޖާ) ވިދާޅުވެއްޖެއެވެ.
މެމްބަރު ޝުޖާޢު މިފަދައިން ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި މާހެފުމުގައި 'އެމްއެމްޓީވީ' އާ ވާހަކަދައްކަވަމުންނެވެ.
ޝުޖާ ވިދާޅުވީ ޕީއެންސީގެ ސަރުކާރެއް މި ޤައުމުގައި ވުޖޫދުވެގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން ޝުޖާއު ވަނީ އެކި ދާއިރާތަކުގެ ކުރިއެރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ.
ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންވި ޙަފްލާގައި ޝުޖާއު ވިދާޅުވީ ރައީސްގެ ވަޢުދުފުޅުތަކުގެ ތެރޭގައި ދީނީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައި 1000 ދިވެހި ރައްޔިތުން ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވުމާއި، މިއަހަރުގެ ތެރޭގައި އަދި ކުރިއަށް އޮތް ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
"އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ތަފާތު ގިނަ ހަރަކާތްތަކެއް މިވަނީ އިންތިޒާމުކޮށް ރާވާ ކުރިއަށް ގެންދިއުމަށް ނިންމަވާފަ. އޭގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރަށްރަށުގަ މިސްކިތް ބިނާކުރުމުގެ މަޝްރޫޢު މިހާރު ވަނީ އިސްލާމިކް މިނިސްޓަރ އިޢުލާނުވެސް ކުރައްވާފަ. އެއީ ރަޢީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަންކަން. އަޅުގަނޑުމެން އުއްމީދު މިކުރަނީ ރަމަޟާން މަހުގެ ކުރިއަށް ފެށޭ ހަފްތާ ތެރޭގައި އެ މަޝްރޫޢުގެ އެގްރީމެންޓްތަކާ ހަމައަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހަމައަށް މި ސަރުކާރު ވާރުތަވެގެން އައިއިރު، ރާއްޖޭގެ އިންޖީނުގެތަކުގެ އާބާތުރަ ނުފިލުވައި، ސަރވިސް ނުކުރުމުގެ ސަބަބުން އިންޖީނުތަކުގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވާނެކަމަށެވެ.
ރޯދަ މަހަކީ ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު، ޗުއްޓީގައި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާނެކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އަތޮޅުތެރޭގައި ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ފެނަކައިގެ ފަރާތުން މިހާރު ތައްޔާރީތައް ވާން ފަށާފައިވާކަމަށެވެ.
"އެހެންވީމަ ޖުމްލަ ގޮތެއްގަ މިއީ ވަރަށް ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ސަރުކާރެއް. އަޅުގަނޑުމެންގެ ސަރުކާރެއް ރައްޔިތުން ފެނުނީމާ ނުއެއް ފިލާނެ. އަޅުގަނޑުމެންނަކީ ރައްޔިތުންނާ ވަރަށް ގާތުން ރައްޔިތުންގެ ބަސް އަހައިގެން އަދި އަޅުގަނޑުމެންގެ ސިޔާސަތަކީ ބަދަލުކުރަންޖެހޭ ސިޔާސަތެއް ވީޔާ ބަދަލުކޮށްގެންވެސް ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރާނެ ސަރުކާރެއް މިއީ. އެހެންވީމާ އަޅުގަނޑުމެން އަބަދުވެސް ގެންގުޅޭނީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ސިޔާސަތު" ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ރޯދަ މަހު ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށާއި، މިއަހަރު މަސްދަޅު ކޭސް ރައްޔިތުންނަށް ދޭއިރު ވާދަވެރިން ފާޑުކިޔާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ފާޑުކިޔަސް މިއީ އޯގާތެރި ސަރުކާރެއް ކަމަށް ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، އެވަރުގެ އެހީތެރިކަމެއް ފޯރުކޮށްދެވުނީވެސް މި ސަރުކާރަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.