ENGLISH
22 އޭޕްރީލު 2025
ރަމަޟާން މަހަށް ތައްޔާރުވުމަށް ނަފްސު ހިސާބުކުރުން މުހިންމު: ޑރ. އަނާރާ
22 ފެބްރުއަރީ 2025
|
ރަމަޟާންމަހަށް ތައްޔާރުވާއިރު އެމަސް އައުމުގެ ކުރިން ކޮންމެ މީހަކުވެސް އަމިއްލަ ނަފުސު ހިސާބުކޮށްލަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މާހެފުމުގެ ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ވިދާޅުވީ ރަމަޟާން މަހަށް ނަފްސު ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރުވާއިރު އެ މަހުގެ ހެޔޮ އަމަލުތައް ބަހައްޓާނީ ކޮންގޮތަކަށްތޯ އާއި ރަމަޟާންމަހު އިތުރަށް ކުރާނީ ކޮން ކަންތައްތަކެއްތޯ ރާވާލުން އެއީ ވަރަށް މުހިންމުކަމެއްކަން އަނާރާ ވިދާޅުވިއެވެ. އަދި ރަމަޟާންމަހު ހެޔޮ އަމަލުތައް ގިނަ ކުރުން މުހިންމު ކަމަށާއި އެ ގޮތުން ސަދަޤާތްކުރުމާއި ސުންނަތް ނަމާދުތައް ގިނަ ކުރުމާއި އެ ނޫންވެސް ހެޔޮކަންކަން ދުވަހުގެ ތަވާލުގައި ހިމަނާލުން އެއީ އެމަހު ކުރެވިދާނެ ކަންތައްތައް ގޮތުގައި ޑރ. އަނާރާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭނގިކުރެވޭ ފާފަތައް ފޮހެވިގެންދާ މައްސަރެއްގެ ގޮތުގައި މި އޮންނަނީ ރަމަޟާން މަސް. އެއީ ރޯދައަށް ހުންނަ ވަގުތާއި ރޭގަނޑުގެ ވަގުތު ވެސް. ރޭގަނޑު ރޭ އަޅުކަން ކުރުމުން ވަރަށް މަތީ ދަރަޖައަކަށް މީހާ ގެންގޮސްދޭ ކަމެއް އެއީ،" ޑރ. އަނާރާ ވިދާޅުވި އެވެ.
ރަމަޟާން މަހުގެ އެންމެ ޚާއްސަ ކަމަކީ ލައިލަތުލްޤަދުރު އެ މަސް ތެރޭގައި އައުންކަން ފާހަގަ ކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ އެރޭ ކުރާ އަޅުކަން އެއްހާސް މައްސަރުގެ އަޅުކަމާ އެއްވަރުވުން ވެސް އެއީ ރަމަޟާން މަސް ޚާއްސަ ވެގެންދާ ސަބަބުކަމަށެވެ.
"އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ދުނިޔެއަކީ ވަރަށް ކުރު ހަޔާތެއް ކަމަށް. އާޚިރަތަކީ ދާއިމީ ގޯތިކަމަށް. މިގޮތުން ﷲ ސުބުޙާނަޙޫ ވަތާޢަލާ މި އުއްމަތަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް މިއީ ވަރަށް ގިނަ ސަވާބާއި ދަރުމަ ލިބޭނެ މައްސަރުތައް ލައްވާފައިވުން. އެގޮތުން ރަމަޟާން މަހަކީ އެހެން ހުރިހާ މައްސަރުތަކަށްވުރެ ގިނަ ދަރުމައާއި ސަވާބު ލިބިގެންދާ މަހެއް ކަމަށް ކީރިތި ޤުރުއާނުގައި ވެސް އަދި ރަސޫލާ ﷺ ގެ ސުންނަތުގައިގެ ވެސް ބަޔާންކުރައްވާފައިވޭ،" އަނާރާ ވިދާޅުވި އެވެ.
މާހެފުން ބޭއްވުމުގެ މަގުސަދަކީ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުންކަން ފާހަގަ ކުރައްވައި، އަނާރާ ވިދާޅުވީ މިއީ ޒަމާނުންސުރެ ރާއްޖޭގައި ޝަޢުބާން މަހުގެ ތެރޭގައި އާއިލާތަކުގެ މެދުގަ އާއި ރައްޓެހިންނާއި އެހެނިހެން މީހުންގެ ތެރޭގައި ބާއްވަމުން އަންނަ ކަމަށެވެ.
ރޭ ބޭއްވި މާހެފުމުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.