ENGLISH
22 އޭޕްރީލު 2025
ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ ކުށެއް! ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ
22 ފެބްރުއަރީ 2025
|
ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީގެ ބާވަތްތަކެއް. --ފޮޓޯ:ޓްރިޕްއެޑްވައިޒަރ
ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ދެއްވައިފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ޤަވާޢިދަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން، އެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ޤަވާޢިދެކެވެ.
މި ޤަވާޢިދުގައި ވާގޮތުން، ކާބޯތަކެތި އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އެމްއެފްޑީއޭއަށް ހުށަހަޅައި އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
އޮތޯރިޓީގެ ހުއްދަނެތި ކާބޯތަކެތީގެ އިޝްތިހާރުކުރުމާއި، އޮތޯރިޓީން ފާސްކޮށްފައިވާ އިޝްތިހާރަކަށް އެއްވެސް ބަދަލެއް ގެނައުންވެސް އެ ޤަވާޢިދުގައި މަނާކުރެއެވެ. އަދި ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް އިޝްތިހާރުކުރުމަކީ ވެސް މަނާކަމެކެވެ.
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ ކުށެއް ކަމަށާއި، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފިޔަވަޅު އަޅާނެ ގޮތްތައްވެސް މި ޤަވާއިދުގައި ތަފްޞީލުކޮށްދެއެވެ.
އެގޮތުން ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 ރުފިޔާއިން ޖޫރިމަނާކުރުން، އަދި ތިންވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޤަވާޢިދާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފައިވަނިކޮށް އޮތޯރިޓީން އެ ކަމެއް އިސްލާހުކުރަން ނުވަތަ ހުއްޓާލަން އެންގުމުން އެ އެންގުމަށް އަމަލުކޮށްފައި ނުވާނަމަ، ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ބޮޑު އަދަދަކުން ފުރަތަމަ ފަހަރު ވެސް ޖޫރިމަނާކުރުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
މި ޤަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.