ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގެ ތެރޭގައި ބޮޑުފިނޮޅު ހިމަނުއްވައިފި

21 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ލ. ގަމު ކައުންސިލްގެ ބައެއްގެ ގޮތުގައި ކަނޑައެޅި ބޮޑުފިނޮޅު. ފޮޓޯ: މުޙައްމަދު ވިސާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ގަމުގެ އިދާރީ ދާއިރާގެ އިޚްތިޞާޞްގެ ތެރޭގައި ލ. ބޮޑުފިނޮޅު ހިމަނުއްވަން ނިންމަވައި، އެ ޤަރާރު ފާސްކުރައްވައިފިއެވެ. 

އެ މަނިކުފާނު އެ ނިންމުން ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހި ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު އިއްޔެ ނެރުއްވި، ނަންބަރު 2025/5 ވަނަ ޤަރާރުންނެވެ.

ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެކު ލ. ބޮޑުފިނޮޅު ވަނީ ރަސްމީކޮށް ހައްދުންމަތީ ގަމުގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައެވެ. 

ބޮޑުފިނޮޅު ލ. ގަމުގެ ބައެއްގެ ގޮތުގައި ރަޢީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސަވާފައި.

ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު، ލ. އަތޮޅު ގަމާއި، ގުޅުވާލާފައިވާ ބޮޑުފިނޮޅު ގަމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ގަމު ކައުންސިލުން ސަރުކާރުގައި އެދިފައިވާތާ އަހަރުތަކެއް ވަނީ ވެފައެވެ. 

އަމިއްލަ ފަރާތަކަށް ބޮޑުފިނޮޅު މީގެކުރިން ކުއްޔަށްދިނީ 2008 ވަނަ އަހަރުއެވެ. އެރަށް އޭރު ކުއްޔަށް ދޫކުރީ މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ޙިއްޞާވާ ޕްރިމިއާ އިކުއިޓީ ކުންފުންޏަށެވެ. 

އޭގެފަހުން މިދިޔަ ސަރުކާރުން ބޮޑުފިނޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައި ނަމަވެސް، މިހާތަނަށް މަންފާއެއް ލިބޭ ގޮތަށް އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މިދިޔަ އަހަރުތަކުގައި އެރަށަށް ތަރައްޤީކުރުމުގެ ނަމުގައި ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން އެެރަށަށް ގެއްލުން ލިބިފައިވާ ކަމަށް ގަމު ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ. 

ބޮޑުފިނޮޅު ލ. ގަމުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު