ENGLISH
22 އޭޕްރީލު 2025
ގަލޮޅު ދަނޑާއި ހެންވޭރު ދަނޑު ހިމެނޭހެން މަސްދަޅު ކޭސް ބަހާ ސަރަޙައްދުތައް އިތުރުކޮށްފި
21 ފެބްރުއަރީ 2025
|
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ.
ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ދޫކުރުމުގެ އާ އިންތިޒާމުތަކެއް މިއަދު ހަމަޖައްސައިފިއެވެ.
ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފެށީ ރޭގައެވެ. މަސްދަޅު ކޭސް ބަހަން ފެށުމާއެކު ގިނަބަޔަކު ރޭ ކިޔުގައި ތިއްބެއެވެ. އޭގެފަހުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވީ، އާއްމުން އެކަމަށް އިޖާބަ ދިން މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަންތަން ހޮނިހިރު ދުވަހުގެ ކުރިން ހަމަޖައްސަވާނެ ކަމަށެވެ.
މަސްދަޅު ކޭސް ބަހާނެ އިތުރު ތަންތަން ހަމަޖައްސަވައި ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވަނީ އެކަމުގެ ތަފްސީލް އާއްމުކުރައްވާފައެވެ. އެގޮތުން މާދަމާ ރެއިން ފެށިގެން މާލެ ސަރަޙައްދުގައި ގަލޮޅު ދަނޑާއި ސޯޝަލް ސެންޓަރު އަދި ހެންވޭރު ދަނޑުން ރޯދަ ހަދިޔާ ލިބޭނެގޮތް ހަމަޖައްސަވާފައިވާކަމަށް ވަޒީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލެ ސަރަޙައްދުގެ ގަލޮޅު ދަނޑުގެ ހަތަރު ފަރާތުގެ ސިޑިބަރި ކައިރިން މާދަމާ ރެއިން ފެށިގެން މަސްދަޅު ކޭސް ދޫކުރައްވާނެ ކަމަށެވެ.
ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް މަސްދަޅު ކޭސް ބަހާނެ ތަންތަން އިތުރުކޮށް، މާލެ ސަރަޙައްދުގައި ޖުމްލަ 13 ތަނަކުން އެ އިންތިޒާމު މިހާރު ހަމަޖައްސަވާފައިވާކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ބުރާސްފަތި ދުވަހުގެ ރޭ މަސްދަޅު ދޫކުރީ 6 ތަނެއްގައެވެ. ވިލިމާލޭގެ އިތުރުން މާލޭގައި ރޭ މަސްދަޅު ކޭސް ދޫކުރީ އެމްޓީސީސީ ސޯމިލް އާއި މިފްކޯގައެވެ. އަދި، ހުޅުމާލޭގެ ހިިޔާ ފްލެޓް ޓަވަރު 10 އަދި އުމަރު ޒާހިރު ބިލްޑިންއިން މަސްދަޅު ކޭސް ދޫކުރިއެވެ. ވަޒީރު ވިދާޅުވީ ރޭ މާލެ ސަރަޙައްދުގެ 9394 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރެއްވި ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ހޫނުގަދަކަމަށް ފެންނާތީ، ދުވާލު ރޯދަ ހަދިޔާ ދޫނުކުރައްވާނެ ކަމަށެވެ.
"ރޭގައި ކިއޫގައި ގިނަ ވަގުތު ތިބެންޖެހުނީތީ ހިތާމަކުރަން. މޭންޕަވަރ އިތުރުކޮށް، އިންތިޒާމުތައް ރަނގަޅު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން" ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ ޒިންމާއާ ޙަވާލުވެވަޑައިގެންފައިވާ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން ދޫކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"ގިނަ ވަގުތު ކިއޫގައި ނުތިއްބަސް، ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުވަރީގެ ފަހުންވެސް ކުރިއަށް ގެންދާނަން" ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.