ENGLISH
22 އޭޕްރީލު 2025
ނަފްސާނީ އެހީގެ ހެލްޕްލައިނަށް އަހަރެއް، އެހީއަށް އެދި ގިނަ ކޯލްތަކެއް ލިބުނު: ޞިއްޙީ ވުޒާރާ
21 ފެބްރުއަރީ 2025
|
ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް: ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިނަށް މިއަދު ވަނީ އަހަރެއް ފުރިފައި.
ނަފްސާނީ އެހީތެރިކަމަށް ޚާއްޞަ ހެލްޕްލައިނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރިތާ އަހަރެއް ފުރުނު އިރު، އެހީތެރިކަމަށް އެދި ގިނަ ކޯލްތަކެއް ލިބިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު 100 ދުވަހުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމަނުއްވައި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމަށް ޚާއްޞަ ޤައުމީ ހެލްޕްލައިން 1677 ގެ މަސައްކަތް ރަސްމީކޮށް ފެއްޓެވީ 2024 ވަނަ އަހަރުގެ ފެބްރުވަރީ 21 ވަނަ ދުވަހުއެވެ.
ނަފްސާނީ އެހީގެ ޤައުމީ ހެލްޕްލައިނަށް އަހަރެއް ފުރުމާއި ގުޅިގެން، ޞިއްޙީ ވުޒާރާއިން އާއްމުކުރެއްވި ބަޔާނުގައި ވަނީ ތަފާސްހިސާބުތައް އާއްމުކުރައްވާފައެވެ. އެގޮތުން މިދިޔަ އެއް އަހަރުތެރޭ އެ ހެލްޕްލައިނަށް 3651 ފޯނު ކޯލް ލިބި، 53 މީހަކު ޚާއްޞަ ފަރުވާއަށް ރިފަރކުރެއްވި ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ނަފްސާނީ ޞިއްޙަތަށް ޚާއްޞަ ޤައުމީ ހެލްޕްލައިނެއްގެ މަސައްކަތް ސަރުކާރުން ފެއްޓެވީ ނަފްސާނީ ގޮތުން އުނދަގޫވާ އެކި ޙާލަތްތަކުގައި، އަދި ނަފްސާނީ ބަލި ތަޙައްމަލް ކުރަމުންގެންދާ އެކި އުމުރުފުރައިގެ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ އަދި ސައިކޯ ސޯޝަލް ސަޕޯޓް 24 ގަޑިއިރު ފޯރުކޮށްދެއްވުމުގެ މަޤްޞަދުގައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ނަފްސާނީ ހެލްޕްލައިންގެ ކޯލް ސެންޓަރަށް މައްސަަލައެއް ރިޕޯޓްވުމުން ނަފްސާނީ ފުރަތަމަ އެހީއާއެކު، ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން ގުޅުންހުރި އިދާރާތަކަށް މައްސަލަތައް ފޮނުއްވަމުން ގެންދަވާ ކަމަށެވެ.
ހެލްޕްލައިންގެ ޚިދުމަތް ހަރުދަނާކޮށް ފަންނީ ޤާބިލްކަން އިތުރުކުރުމާއެކު، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން، ކޯލް އޭޖެންޓުނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދެވުމާއި، މަސައްކަތުގެ ފަންނީ އަދި އިދާރީ ކަންކަން ހަރުދަނާކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެސްއޯޕީ އާއި ރިފަރަލް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ކަންބޮޑުވާ ޙާލަތަށް ގޮސްފައިވާ ނަފްސާނީ ޞިއްޙަތުގެ މައްސަލަތަކައް ޙައްލު ހޯއްދެވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.