ENGLISH

08 ޖުލައި 2025

Advertisement

ރަމަޟާން މަހުގެ ދަރުމަ އާއި ސަވާބު ލިބޭނީ ރޯދަ ހިފަން ޖެހޭ ގޮތަށް ހިފައިގެން: ޚުތުބާ

21 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

އުޑުގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް އެމަހެއްގައި ބަންދު ކުރެވިގެންދާ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ދާދި އަވަހަށް ބައްދަލު ކުރާނެއެވެ.

މިބަރަކާތްތެރި މައްސަރުގެ މަތިވެރި ދަރުމަ އާއި ސަވާބު އެންމެ ފުރިހަމަ ގޮތުގަ ލިބިގެންދާނީ ރޯދަހިފަން ޖެހޭ ގޮތަށް ހިފައިގެން ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ދޮގު ވާހަކަ ދެއްކުމާއި ނުބައި އަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު ބަސްތައް ގޮވުން ހުއްޓައިނުލައިފި މީހަކު ކެެއުމާއި ބުއިމުން ދުރުހެލި ވުމަކަށް މާތް ﷲ އެދިވޮޑިއެއްނުގަންނަވަތެވެ،" މާތް ނަބިއްޔާގެ ހަދީޡް ބަސްފުޅެއްގެ މާނައިގައިވެ އެވެ.

ރަސޫލާގެ އެހެން ހަދީޘްފުޅެއްގެ މާނައިގައިވެ އެވެ. "ރޯދަ ހިފާ ބައެއް މީހުންނަށް އެ ރޯދައިގެ ސަބަބުން ކަރުހިއްކުމާ ބަނޑުހައިހޫނުކަން ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ. އަދި ރޭއަޅުކަން ކުރާ ބައެއް މީހުންނަށް އެކަމުގެ ސަބަބުން، ހޭލައިހުރުން ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ."

މި ދެ ހަދީޡް ބަސްފުޅުގެ މާނައިން ދޭހަވާގޮތުގައި، ރަމަޟާން މަސް އެކަމަކަށް ޚާއްސަވެގެންވާ އަޅުކަން ކަމަށްވާ ރޯދައިގެ ދަރުމަ ލިބިގަތުމަށްޓަކައި އަޅުގަނޑުމެންގެ އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހެއެވެ.

"ރަމަޟާން މަހަށް ތައްޔާރުވުން"، މި މައުޟޫއުގެ މައްޗަށް ނަސޭހަތްތެރިވަމުން، މިއަދުގެ ޚުތުބާގައި ވަނީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި، އަދި ރަމަޟާން މަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އަމަލުތައް ބަހައްޓަންވީ ގޮތް ބަޔާން ކޮށްދެއްވައިފައެވެ. މިގޮތުން މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ހާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށް ޚުތުބާގައި އިރުޝާދު ދީފައިވެއެވެ. އަދި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުން ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ނަމުގައި އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއްކަން ފާހަގަކޮށް، އެފަދަ ކަންތައްތަކާ ދުރުހެލިވުމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ގޮވާލައްވާފައެވެ. އަދި ރޯދައަށް ހުންނައިރު، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަދެއްކުމާއި، އެފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ސަވާބަށް އުނިކަން އަންނާނޭ ކަންކަންކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ރަަމަޟާންމަހުގެ ދަރުމައާއި ޡަވާބު އެންމެ ފުރިހަމަޔަށް ލިބިގަތުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ފަރުޟު ނަމާދުތަކަށާއި، ތަރާވީޙު ނަމާދާއި ރޭއަޅުކަންކުރުން، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔަވާއިރު، ޤުރްއާނާ މެދު، ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ. މީގެ އިތުރުން ހާރު ކެއުން ފަސްކުރުމާއި، އަނބިދަރީންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވައި އިޙްސާންތެރިވެ އުޅުމާއި، ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި، ގިނަގިނައިން ޞަދަޤާތްކުރުން ހިމެނޭކަމަށް  ވެސް މިއަދުގެ ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާ އިތުރަށް ހޯދުމުގެ ނިޔަތުގައި ބޮޑު އަގުގައި މުދާ ވިއްކުމުގެ ބަދަލުގައި، އިޙްސާންތެރިކަން އިސްކޮށް މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް މިއަދުގެ ޚުތުބާގައިވަނީ ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ. އަދި މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ވެސް އަޅުކަމަށް ފުށޫނާރާނެހެން ކަންކަން ބައްޓަންކުރުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު