ENGLISH
22 އޭޕްރީލު 2025
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރަން ޖެހުނީ ކީއްވެ؟
21 ފެބްރުއަރީ 2025
|
ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަސް - ފޮޓޯ: ރައީސް އޮފީސް
ބަހަކީ ހަމައެކަނި މުއާސަލާތުކުރަން އޮތް ވަސީލަތެއް ނޫނެވެ. އިންސާނިއްޔަތުކަމުގެ ޝަރުތު ވެސް މެއެވެ. އަޅުގަނޑުމެންގެ ހަރުދަނާ އުސޫލުތަކުގެ ގޮތުގައި ބަލައިގަންނަ ކަންތައްތަކާއި އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުންތަކާއި އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެ އެއްޗެއްގައި އެކުލެވޭ އެއްޗަކީ އަޅުގަނޑުމެންގެ ބަހެވެ. އަޅުގަނޑުމެންގެ ތަޖުރިބާ އާއި އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންނަށް އެނގިހުރި އެއްޗެއް އަނެކުންނަށް ރައްދުކޮށްދެވެނީ ބަހުގެ ޒަރިއްޔާއިންނެވެ. އަޅުގަނޑުމެންގެ ފިކުރާއި ޚިޔާލުގެ މުއްސަނދި ތަސްވީރުކުރުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިތައް ދައްކައި ދެނީ ބަސްބަހުގެ ސިންދަފާތުތަކުންނެވެ.
މިއަދު ފާހަގަކުރަމުން މިދާ މާދަރީ ބަހުގެ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި، ކޮންމެ އަހަރަކު ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައެޅީ ވަރަށް މަތިވެރި މަގްސަދެއްގައެވެ. އެއީ، ވަރަށް ގިނަ މާދަރީ ބަސްތަކާއި ވެހި ބަސްތައް މި ދުނިޔެއިން އުވި ގޮސްފައިވާތީ އެވެ. އަދި ބައެއް ބަސްބަސް ނެތިދާނެކަމުގެ ބިރު މިހާރުވެސް އުފެދިފައިވާތީއެވެ. އަހަރުގެ ހުރިހާ ދުވަހެއްގެ ތެރެއިން މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަ ކުރަނީ ކީއްވެގެންތޯ ބަލައިލަމާ ހިނގާށެވެ.
އެންމެ ފުރަތަމަ މާދަރީ ބަސް ބައިނަލްއަޤުވާމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ 1999 ވަނަ އަހަރުއެވެ. އެއީ ޕާކިސްތާނުގެ ޤައުމީ ބަސް ކަނޑައެޅުމުގެ ތެރޭގައި 21 ފެބުރުވަރީ 1952 ގައި ހިނގާ ދިޔަ ހާދިސާއެއްގެ ސަަބަބުންނެވެ. އެއީ މިހާރުގެ ބަންގްލަދޭޝް ނުވަތަ ބަންގާޅެވެ. ގައުމީ ބަސް ކަނޑައެޅުމާ ބެހޭ ގޮތުން އިރުމަތީ ޕާކިސްތާނުގައި ފެށުނު މައްސަލަގަނޑު ހޫނުވީ ޕާކިސްތާނުގެ އޭރުގެ ގޮރުނުދޯރު (ގަވަރުނަރު) ޚުވާޖާ ނަޒީމުއްދީން، "ޕާކިސްތާނުގައި އޮތް ހަމައެކަނި ގައުމީ ބަހަކީ އުރުދޫ ބަސް" ކަމުގައި ވިދާޅުވި ހިސާބުންނެވެ.
މިކަމާ ގުޅިގެން 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ޔުނިވަރސިޓީ އޮފް ޑާކާގެ ދަރިވަރުންނާއި، ޑާކާ މެޑިކަލް ކޮލެޖުގެ ދަރިވަރުންނާއި، ބައެއް އާންމުންގެ އިތުރުން، ބައެއް ސިޔާސީ ފަރާތްތައް ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލައި އިހްތިޖާޖު ކުރަން ފެށިއެވެ. އެމީހުން ބޭނުންވީ އުރުދޫ ބަހާ އެކު "ބަންގްލާ" (ބަންގާޅު) ބަސް ވެސް ޕާކިސްތާނުގެ ގައުމީ ބަހަކަށް ހެދުމަށެވެ.
ސުލްހަވެރިކަމާ އެކު ފެށި އިހްތިޖާޖުތައް އެންމެ ފަހުން ބޮޑު މުޒާހަރާއަކަށް ބަދަލުވެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތި ލުންތަކެއް ހިނގިއެވެ. އަދި މިހާރު ބަންގްލާދޭޝްގެ ވެރިރަށް ކަމަށްވާ ޑާކާގައި، ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލް ހުންނަ ހިސާބުގައި މުޒާހަރާގެ ބައިވެރީން ހަރަކާތްތެރި ވަމުން ދަނިކޮށް އެފަރާތްތަކަށް އަމާޒުކޮށް ފުލުހުން ބަޑީގެ ހަމަލާތަކެއް ދިނުމުން އެ ހަމަލާތަކުގައި މުޒާހާރާގެ ބައިވެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިދުނިޔެއާ ވަކިވެގެން ދިޔައެވެ.
ގިިނަ ދަރިވަރުންތަކަކާއި ޒުވާނުންތަކެއް އެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔެ ދޫކޮށް ދާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، ޕާކިސްތާނުގައި އޭރު ޤައުމީ ބަހުގެ ގޮތުގައި ކަނޑައަޅާފައިވާ އުރުދޫ ބަހާ އެއްގޮތަށް ބަންގާޅު ބަހަކީ ވެސް މާދަރީ ބަހެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ. އެ ހާދިސާތަކާ ގުޅިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ޔުނެސްކޯއިން ނިންމާފައިވަނީ 1999 ވަނަ އަހަރުއެވެ. އަމިއްލަ މާދަރީ ބަހުގެ އަގު ވަޒަންކޮށް ބަންގާޅުގެ ޒުވާނުން ހިންގި ހަރަކާތްތަކާއި ވީ ގުރުބާނީ މިއަދު މިދަނީ މުޅި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވެމުންނެވެ.
ޔުނެސްކޯގެ [އެޓްލަސް އޮފް ދަ ވޯރލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރ]ގެ އެންމެފަހު އިސްދާރުގައި ބުނެފައިވާ ގޮތުން، 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިވެފައެވެ. އަދި، 230 ބަހެއް ވަނީ، 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ނެތި ގޮސްފައެވެ. އިންސާނުން މޮށެއުޅޭ 6000 އަށްވުރެ ގިނަ ބަސްބަހުގެ ތެރެއިން ތަޢުލީމީ ނިޒާމާއި، ޢާންމު ޚިދުމަތުގައި އަހަންމިއްޔަތުކަން ދެވޭނީ ވަރަށްމަދު ބަސްބަހަށެވެ. އަދި ޑިޖިޓަލް ވިއުގައިގެ ތެރޭގައި ބޭނުންކުރެވެނީ 100 އަށްވުރެވެސް މަދުބަހެވެ. މިއިން އެނގެނީ އެފަދަ ބަސްބަހުގެ މާ އުޖާލާ ކުރިމަގެއް ނެތް ކަމެވެ.
މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރާއިރު ދިވެހި ބަހުގެ ގަދީމީ ހަގީގަތަކީ ކޮބައިކަން ހޯދަން މިވަނީ ޖެހިފައެވެ. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތައުލީމީ މަރްހަލާތަކުގައި ދިވެހިބަހަށް އިސްކަންދީ، ގަދީމީ ދިވެހިބަސް ދިރާސާކޮށްގެންކަން ޔަގީނެވެ. ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އައު ލަފްޒުތައް އަޅުގަނޑުމެންނަށް އުފެއްދޭނީ ވެސް އޭރުންނެވެ. އަޅުގަނޑުމެންގެ ދިވެހި ހަޟާރަތުގެ ގަދީމީ އެވޭލާކަމާމެދު ފަޚުރުވެރިވާ ފަދައިން، ދިވެހި ބަހާމެދު ވެސް ފަޚުރުވެރިވާންޖެހޭނެއެވެ. މި ދިވެހި ދައުލަތުގެ އެކި ޒަމާންތަކުން ފިރުކެމުން މި ޒަމާނާ ހަމަޔަށް އައީ ދިވެހިބަސް ކޮނޑުގައި އަޅައިގެން ކަމަށްވުމާއެކު ދިވެހި ދައުލަތުގެ މުސްކުޅިކަމާމެދު އުފެދޭ ފަޚުރުވެރިކަމަކީ ދިވެހިބަހާމެދު ކުރެވޭ އުފާވެރިކަމުގެ އިހުސާސެއް ކަމުގައި ވާންޖެހެއެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންދާތާ 25 އަހަރުވީ ރިހި ޔޫބީލް ފާހަގަކުރަމުންދާ މިއަހަރުގެ މިދުވަހުގެ ޝިއާރު އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ދުނިޔެއެއް ބިނާކުރުމަށްޓަކައި ބަހުގެ ތަފާތުކަމުގެ ކުރިއެރުންތައް ހަލުވިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.