ENGLISH
22 އޭޕްރީލު 2025
ސަރުކާރުން ރޯދަ ހަދިޔާއެއް ދިނުން؛ އިދިކޮޅަށް ތަހައްމަލުނުވި، ރައްޔިތުންގެ ލާބައަށް ކޮށްދެވުނު ހެޔޮ ކަމެއް
21 ފެބްރުއަރީ 2025
|
މަސްދަޅު ކޭސް ދޫކުރާ ތަނެއްގައި އެސްޓީއޯ މުވައްޒަފަކު ހަރަކާތްތެރިވަނީ، ފޮޓޯ: އެސްޓީއޯ
ރަމަޟާން މަހަކީ އެހެނިހެން މަސްތަކަށްވުރެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑު، ޖުމްލަކޮށް ހުރިހާ ގޭބީސީއަކުން ކުރާ ހޭދަވެސް އެހެނިހެން މަސްތަކަށްވުރެ އިތުރުވާ މަހެކެެވެ. ޚާއްޞަކޮށް ކާބޯތަކެއްޗަށް ކުރާ ހޭދަ އެހެނިހެން މައްސަރުތަކަށްވުރެ އިތުރުވެއެވެ. މި ޙަޤީޤަތް ދެނެވަޑައިގެން، ރައްޔިތުންގެ ޓެކުސް ފައިސާއިން ދައުލަތަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް، ލުއިކަމެއް ހޯދައިދެއްވަން ނިންމެވި ފުރަތަމަ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް އެސްޓީއޯ މެދުވެރިކުރައްވައި ދިހަ ކިލޯ ހަނޑުލާއި ދިހަ ކިލޯ ފުށް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ އަހަރު ދައުލަތުގެ މަސް ކުންފުނި މިފްކޯ މެދުވެރިކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ މަސްދަޅު ކޭހެެއް ފޯރުކޮށްދެއްވަން ރައީސް ނިންމެވިއެވެ.
ރައްޔިތުުން އުފުލަމުންދާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް މަސްދަޅު ކޭހެއް ކޮންމެ ގޭބީސީއަކަށް ފޯރުކޮށްދެއްވަން ނިންމެވިކަން ރައީސް އިޢުލާނުކުރެއްވި ދުވަހުން ފެށިގެން އިދިކޮޅު އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ މީޑިޔާތަކުން އަންނަނީ މިކަމާ ގުޅުވައިގެން ކޮންމެވެސް ފިތުނަވެރި ވާހަކައެއް ފަތުރަމުންނެވެ.
ފުރަތަމަ ދެއްކީ މަސްދަޅު ކޭސް ނުދެވޭނެ ވާހަކައެވެ. އެ ވާހަކަ ދައްކަދައްކައި ތިއްބައި އަތޮޅު ތެރޭގައި މަސްދަަޅު ކޭސް ބަހަން ފަށައިފިއެވެ. ދެން މިއީ ސަރުކާރުން ކުރައްވާނެ ކަމެއްކަން ކަށަވަރުވުމުން ރާގު ބަދަލުކޮށްލައި ދައްކަން ފެށި ވާހަކައަކީ ބަހަނީ މާ ކުދި މަސްދަޅު ކޭސްތަކެއްކަމަށް ބުނެ ދައްކަން ފެށި ވާހަކައެވެ. އަދި މިކޭސްތަކުގައި ހުރި ދަޅުތައް ކަނޑަަން އުދަގޫވާނެ ވާހަކައެވެ. މަސްދަޅުތައް ގޭބީސީތަކަށް ލިބި ރައްޔިތުންނަށް އެވާހަކައަކީވެސް އާރުލާ ވާހަކައެއް ނޫންކަން ސާބިތުވެގެން ހިނގައްޖެއެވެ. މިއީ ހަމަ އެހެންޏާވެސް މިފްކޯއިން ވިއްކާ މަސްދަޅާ އެއް ބުރަދަނުގެ އެއް ބޮޑުމިނުގެ މަސްދަޅުތަކެއްކަން އެ ލިބުނު ކޮންމެ މީހަކަށް އެނގިއްޖެއެވެ. އަދި ދަޅު ކަނޑަންވެސް އުދަގޫ ނޫންކަން ޔަޤީންވެއްޖެއެވެ.
އަނެއްކާވެސް ވާހަކައާއި ރާގު ބަދަލުކޮށްފިއެވެ. މިފަހަރު ކިޔަނީ މަސްދަޅު ކޭސް ބަލައި ގޮސް މާލޭގައި ދިގު ކިއުއެއްގައި ޖެހިގެން ތިބެންޖެހުނު ވާހަކައެެވެ. ނަމަވެސް މަސްދަޅު ކޭސް ބަލައި ބަހަން ފެށި ރޭ ގިނަ ބަޔަކު އެއްވުމުން ދިގު ކިއުއެއް އޮތަސް މަޑުކުރަންޖެހޭ ވަގުތު ކުޑަވާނެހެން އިންތިޒާމުތައް ތަރުތީބުކުރެވިގެންދިޔަކަން އެތަންތަނަށް ދިޔަ ރައްޔިތުން ދަންނާނެއެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފޮޓޯ: އެސްޓީއޯ
މާލޭ ސަރަހައްދަކީ ރާއްޖޭގެ އެންމެ ބައިބޯ ސަރަހައްދަށްވާތީ މި ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ރެއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދަވަން ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާނެ ވަގުތުތައްވެސް ސަރުކާރުން އިއުލާނުކުރައްވާފައިވެއެވެ.
އެގޮތުން އަންނަަނިވި ދުވަސްތަކުގައި އަންނަނިވި ވަގުތުތަކުގައި މަސްދަޅު ބަހާނެކަން ސަރުކާރުންވަނީ އިޢުލާނުކުރައްވާފައެވެ.
އޭގެ އިތުރަށް ރޭ މަސްދަޅު ބެހުމުގެ ތެރެއިން ކުރެވުނު ތަޖުރިބާއަށް ބައްލަވައި އިތުރަށް ފަސޭހަަކޮށްދެއްވުމުގެ ގޮތުން މިހާރު މާލޭ ސަރަހައްދުގައި މަސްދަޅު ބަހަމުންދާ ތަންތަނުގެ އިތުރަށް އައު ތަނެއްގައި މަސްދަޅު ބެހުމުގެ އިންތިޒާމުތައް ހަމަޖަައްސަވާނެކަން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު އިއުލާނުކުރައްވާފަައިވެއެވެ.
ފާއިތުވި އެމްޑީޕީގެ ސަރުކާރުގައި އަދި އޭގެ ކުރީ ސަރުކާރުތަކުގައިވެސް ދައުލަތަށް ރައްޔިތުން ޓެކުހުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދެމުންދިޔައެވެ. ޤާނޫނުތަކުން އެކުލަވައިލެވިފައި ހުރި ނިޒާމުތަކުގެ ތެރެއިން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އިތުރަށް، ރައްޔިތުން އުފުލާ ދިރިއުޅުމުގެ ބުރައަށް ލުއިކަމެއް ހޯދައިދިނުމަށް ސަރުކާރަކުން ކުރި ކަމެއް މަދެވެ.
ނިމުނު އެމްޑީޕީގެ ސަރުކާރަށް ބަލާއިރު ވެރިކަމާ ޙަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ގެއްލުމުގެ ބަދަލު ދިނުމުގެ ނަމުގައި އެތައް ބިލިއަން ރުފިޔާއެއް އެކުވެރިންގެ މެދުގައި ބަހައިލިއެވެ. އެ ޕާޓީގެ އިސްވެރިންގެ އަމިއްލަފުޅު އިޢުތިރާފުން އެނގޭ ގޮތުގައި އެ ފައިސާ ބޭނުންކުރެވުނީ 2019 ވަނަ އަހަރުގެ މަޖިލީހުގެ ކެމްޕެއިނަށެވެ.
އޭގެ ފަހުން ދައުލަތުގެ ހަރުމުދަލުގެ ތެރެއިން އަގުބޮޑު ފަޅުތަކާއި ފަޅުރަށްތައް އެއްވެސް ހިލޭ ބަހައިލުމަށްވެސް ނިވަލެއްގެ ގޮތުގައި ބޭނުންކުރީ ބަދަލުދިނުމެވެ. އެ ވެރިކަމުގެ ބާރުގަދަ ވަޒީރުންގެ ޢާއިލީ ބޭފުޅުންނާ ހަމަައިން ފެށިގެން އެކުވެރިންނަށް ފަޅާއި ފަޅުރަށް ބައްސަވައިލެއްވިއެވެ.
ކޮވިޑް-19ގެ އާލަމީ ވަބާގައި ދިވެހިން މާލީ ގޮތުން ނުހަނު ބޮޑު ދަތިކަން ތަހައްމަލުކުރަމުންދިޔައިރު، އެ ވަބާގައި ބޮޑުވަރުވެ އެޑުމިޓުކުރާ މީހުންނަށް ބޭނުންވާ ފަރުވާދޭން ކޮންމެހެން ބޭނުންވާ ވެންޓިލޭޓަރުތައް ގެނަމުންވެސް އޮތީ ވައްކަންކޮށް އަމިއްލަ ޖީބަށް ފައިސާ ކަހުވާލައިފައެވެ.
މިފަދަ ގޮތަކަށް ވެރިކަން ކުރެއްވި ބޭފުޅުންތަކަކަށް ވެރިޔަކު ރައްޔިތުން އުފުލާ ތަކުލީފުތައް ކުޑަކުރެއްވުމަށް މަސައްކަތްކުރައްވަފާނެކަން ތަސައްވުރުނުކުރެއްވިދާނެއެވެ. އެފަދަަ ވެރިޔަކު އަދި އެކަހަލަަ ވެރިކަމެއް އެބޭފުޅުންގެ ޚިޔާލަކަށް ނުގެންނެވޭނެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަން ފުރަތަމަ ދުވަހުން ފެށިގެން ބައްޓަންކުރައްވާފައި މިއޮތީ ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގޮތްގޮތަށް ސިޔާސަތުތައް ބައްޓަންކުރެއްވުމުގެ މައްޗަށެވެ. ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރެއްވޭނެ ހުރިހާ ގޮތަކުން އެތަކުލީފުތައް ކުޑަކޮށްދެއްވުމުގެ މައްޗަށެވެ. ރޯދަ ހަދިޔާއަކީ އެ މަޤުޞަދުގައި ރައީސްގެ އިސްނެންގެވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ސިލްސިލާއަށް ގަތައިލެވޭ އެންމެ ބޮޅެކެވެ. އެ ސިލްސިލާގެ ބޮޅުތައް ގިނަވެފައި ތަފާތެވެ. ހައްތާވެސް ދިވެހިންގެ ރާއްޖޭގައި ދިވެހިންނަށް ފަސޭހަ ބާއްޖަވެރި އުފާވެރި ލުއިލުއި ދިރިއުޅުމެއް ހޯދައިދެެއްވުމުގެ މަޤުޞަދުގައި ކުރައްވާ މަސައްކަތްތަކެވެ.