ENGLISH
22 އޭޕްރީލު 2025
މިނިސްޓަރ ޑރ.ޚަލީލު ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
21 ފެބްރުއަރީ 2025
|
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް، ސްރީލަންކާގެ ރައީސް އޮނަރަބަލް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްރީލަންކާގެ ރައީސަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މިނިސްޓަރ ޚަލީލްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދިވެހި ސަރުކާރުން އެކަމަށް ޝައުޤުވެރިވާ ކަމެއް ކަމަށެވެ.
ހަމައެހެންމެ ސްރީލަންކާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މިނިސްޓަރ ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޚަލީލްގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.