ENGLISH
22 އޭޕްރީލު 2025
މަސްދަޅު ކޭސް ދޫކުރުމުގެ އާ އިންތިޒާމުތަކެއް މާދަމާގެ ކުރިން ހަމަޖައްސަވަނީ
21 ފެބްރުއަރީ 2025
|
މާލޭގައި ރޭ މަސްދަޅު ކޭސް ދޫކުރުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދަނީ: އާ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް އަންނަނީ މަސައްކަތް ކުރައްވަމުން-- ފޮޓޯ/އެމްއެމްޓީވީ
ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ދޫކުރުމުގެ އާ އިންތިޒާމުތަކެއް މާދަމާގެ ކުރިން ހަމަޖައްސަވައި އިއުލާނު ކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެެވެ.
މާލެ ސަރަހައްދުގައި ރޭ މަސްދަޅު ކޭސް ބަހަން ފެށުމުން އެތައް ސަތޭކަ ބަޔަކު، މަސްދަޅު ހޯދުމަށް ކިއު ހެދިއެވެ. މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތާ ހަވާލުވެފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިންނެވެ.
އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން ޢާންމު ކުރައްވާނެ ކަމަށެވެ. އަދި މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށް ވަޒީރުވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ވަޒީރު އާދަމް ޝަރީފް އުމަރުގެ ޕޯސްޓް
ރޭގައި މާލޭގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދިޔައީ މިފްކޯ އޮފީސް ކޮމްޕައުންޑުގަ އާއި އެމްޓީސީސީ ސޯމިލުގައެވެ. ވިލިމާލޭގައި ހުންނަ ވެމްކޯ ސައިޓާއި ހުޅުމާލެ-1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގާއި ހުޅުމާލެ-2 ގެ ހިޔާ ޕްލެޓް ޓަވަރ 10 ނަންބަރުގެ ޔޫތު ސެންޓަރުން ވެސް މަސްދަޅު ކޭސް ދޫކުރިއެވެ.
ސަރުކާރުން 82،000 އަށްވުރެ ގިނަ ގޭބިސީއަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރަނީ، ދަޅުކަނޑާ މަޅިގަނޑު ހަރުކޮށްފައި ހުންނަ 180ގ. ބަރުދަނުގެ 48 ދަޅު ހިމެނޭ ތެޔޮމަސް ކޭހެވެ.