ENGLISH
22 އޭޕްރީލު 2025
މިހާތަނަށް ޤަވާޢިދާ ޚިލާފަށް އުޅުނު 6076 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
21 ފެބްރުއަރީ 2025
|
ޤަވާއިދާ ޚިލާފަށް، އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެެއެވެ.
ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގަމުންދާ ކުދި 5 މާރުކޭޓެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 2 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެކި ބާވަތުގެ ކުށްތަކުގައި ޝާމިލުވާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
މީގެއިތުރުން ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ފަށާފައެވެ. ހަމައެހެންމެ ޤަވާޢިދާ ޚިލާފަށް ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމްކޮށްފަވާ އޮންލައިން ޕްލެޓްފޯމަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލަކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެއިތުރަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް 43,294 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު، ކޮންމެ ދުވަހަކު ހެން ދަނީ ރެއިޑުތައް ހިންގަމުންނެވެ. އެ ރެއިޑުތަކުގައި ބިދޭސީން މަސައްކަތްކުރާ ތަންތަނުގެ އިތުރުން އެމީހުން ދިރިއުޅޭ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ.