ENGLISH

22 އޭޕްރީލު 2025

Advertisement

ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

21 ފެބްރުއަރީ 2025

|

ހަސަން އާމިރު

ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ދިވެހި ރާއްޖެ، ދިވެހިވަންތަ، ދިވެހި ދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި، ސިޔާދަތު، ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއް ވެސް ގުޅިފައިވަނީ "ދިވެހި" ބަހާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މާޒީއާއި، މިއަދު އަދި މާދަމާ ވެސް، ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހަކީ، ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހެވެ. މި ދުވަހަކީ، ބަހުގެ ތަފާތުކަމާއި، އަދި ބަހުގެ ޘަޤާފީ ތަފާތުކަމާއި ބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ބަސް ކުރިއެރުވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންދާތާ 25 އަހަރުވީ ރިހި ޔޫބީލް ފާހަގަކުރަމުންދާ މިއަހަރުގެ މިދުވަހުގެ ޝިއާރު އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ދުނިޔެއެއް ބިނާކުރުމަށްޓަކައި ބަހުގެ ތަފާތުކަމުގެ ކުރިއެރުންތައް ހަލުވިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު