ENGLISH
22 އޭޕްރީލު 2025
ޢަރަބި ބަހުގެ ތަޢުލީމަށް ޚާއްޞަ މަޢުޙަދެއް ސަޢޫދީން ރާއްޖޭގައި ޤާއިމުކޮށްދެނީ
21 ފެބްރުއަރީ 2025
|
ސައުދީ ސަފީރު، ރާއްޖޭގައި ޢާއިމުކުރާ ޢަރަބި ބަހުގެ މަޢުހަދުގެ ޑިރެކްޓަރާ ބައްދަލުކުރައްވަނީ-- ފޮޓޯ: ސަޢޫދީ އެމްބަސީ
ޢަރަބި ބަހުގެ ތަޢުލީމު މުޅި ދުނިޔޭގައި ފެތުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދޭނެ މަޢުހަދެއް ޤާއިމުކުރަން ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލް ސަޢުދު، އެޤައުމުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވާ މިކަން ތަންފީޛުކުރަން އެޤައުމުގެ އެންމެ ބޮޑު ޔުނިވަރސިޓީ ކަމަށްވާ އިމާމް މުޙައްމަދު ޔުނިވަރސިޓީއާ ޙަވާލުކުރައްވައިފިއެވެ.
އެޔުނިވަރސިޓީންވަނީ ޢަޖަމީ މުސްލިމް ޤައުމުތަކުގައި ޢަރަބިބަސް ފެތުރުމުގެ މަސައްކަތުގައި ސަޢޫދީ ޢަރަބިއްޔާގެ ތަޢުލީމާބެހޭ ވަޒީރު ޔޫސުފް ބިން އަބްދުﷲ އަލް ބުންޔާން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ބަޔާނެއް ނެރުއްވާފައެވެ.
އަދި މިބަޔާނުގައި، ރާއްޖޭގައި ޤާއިމުކުރާ މަޢުހަދުގެ ޑިރެކްޓަރުގެ މަޤާމަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ ޢައްޔަނުކުރައްވާފައިވާކަމަށާއި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއާއި ގުޅިގެން މަޢުހަދު ޤާއިމުކޮށް، ކިޔަވާއިދޭން ފެށުމުގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ޤާއިމުކުރެވޭ މިމަޢުހަދަކީ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ފުރުސަތެއް ކަމަށާއި އެއީ އަރަބި ބަސް ފެތުރުމުގައި ޔުނިވާސިޓީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، އަރަބި ބަސް އުގަންނައިދިނުން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އިމާމް މުޙައްމަދު ޔުނިވަރސިޓީގެ ރައީސް ވިދާޅުވިއެވެ.