ENGLISH
22 އޭޕްރީލު 2025
އާމްދަނީ އިތުރުވާން ފަށައި ބަޖެޓުގެ އަރަނި 1.3 ބިލިއަނަށް، އަރަނި %109 މައްޗަށް
21 ފެބްރުއަރީ 2025
|
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް
ދައުލަތަށް ލިބުނު އާމްދަނީ އިތުރުވާން ފަށައި ބަޖެޓުން ޚަރަދުކުރާ މިންވަރު ހިފަހެއްޓި ބަޖެޓުގެ އަރަނި 109 އިންސައްތަ މަތިވެއްޖެކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށްވަނީ ލިބިފައެވެ. ޓެކުހުގެ ގޮތުގައި 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ޓެކުސް ނޫން ގޮތްގޮތުން 541.3 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 28.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ މުއްދަތުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ 3.04 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރު އެ މުއްދަތުގައި 4.9 ބިލިއަން ރުފިޔާ ޚަރަދުވިއެވެ. އެހެންކަމުން މި އަހަރު ދައުލަތުގެ ޚަރަދުތައްވަނީ 26 އިންސައްތަ ދަށްވެފައެވެ. ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް ދަށްވީ ރިކަރަންޓު ޚަރަދުތަކެވެ. އެގޮތުން ނިމުނު އަހަރު 3.2 ބިލިއަން ރުފިޔާ ރިކަރަންޓު ޚަރަދުތަކަށް ހޭދަވިއިރު މި އަހަރު ހޭދަވީ 2.8 ބިލިއަން ރުފިޔާއެވެ. އެއީ 12 އިންސައްތައިގެ ދަށްވުމެކެވެ.
ރިކަރަންޓު ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް ދަށްވީ ދައުލަތުގެ އިދާރީ އަދި ހިންގުމުގެ ޚަރަދުތަކެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހިންގުމުގެ ޚަރަދުތަކަށް 2.1 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު އިދާރީ އަދި ހިންގުމުގެ ޚަރަދުތައް %37.7 ދަށްކުރެވި 1.7 ބިލިއަނަށް ތިރިކުރެވިފައިވެއެވެ.
ފައިނޭންސް އަދި އިންޓެރެސްޓުގެ ޚަރަދުތަކަށް 327.9 މިލިއަން ރުފިޔާ ހޭދަވިއިރު ދަރަނި އަދާކުރުމަށް 474.8 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.
ނަމަވެސް ފާއިތުވި އަހަރުގެ އެ މުއްދަތުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި 119.2 މިލިއަން ރުފިޔާއަށްވުރެ މި އަހަރު އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ އަދަދު 5.1 އިންސައްތަ އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. މި އަހަރު 125.3 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައިވެއެވެ.
ޚަރަދުތައް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ދައުލަތުގެ ބަޖެޓުގެ އަރަނިވެސް އިތުރުވެފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ބަޖެޓުގެ އަރަނީގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 669.1 މިލިއަން ރުފިޔާއެވެ. މި އަހަރު ބަޖެޓުގެ ޖުމްލަ އަރަނި 1.3 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެއީ ނިމުނު އަހަރުގެ އަރަންޏާ އަޅާބަލާއިރު 109 އިންސައްތަ އިތުރު މިންވަރެެކެވެ.