ENGLISH
22 އޭޕްރީލު 2025
ބުރަ މަސައްކަތްކުރާ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރެއްވީ ރައީސް
21 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ޤާނޫނުން ވުޖޫދުކުރީ ވަރަށް މަތިވެރި މުހިއްމު މަޤުޞަދެއްގައެވެ. ރަށްރަށާއި ސިޓީތަކުގެ ހިންގުމުގައި އަންހެނުންގެ ދައުރެއް އޮންނާނެކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ މުޖުތަމަޢަށް ބޮޑުވެފައި ހުރި އިޖުތިމާޢީ އިޤުތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު އޮންނާނެކަން ޔަޤީންކުރުމަށެވެ.
ނަމަވެސް އެތައް ޒަމާނެއް ފާއިތުވެގެންދިޔައިރު އ.ތ.މ ކޮމިޓީތަކުގެ ދައުރު އޮތީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ތާށިވެފައެވެ. އަދި މާލީ ގޮތުން އެ ކޮމިޓީތަކުގެ މަސައްކަތްކުރަން ބޭނުންވާ ފައިސާ ނުލިބުމާއި، މަސައްކަތްކުރުމަށް ބޭނުންވާ މާހައުލެއް ނެތުމާއި، އެކަަށީގެންވާ އުޖޫރައެއް ނުލިބުން ފަދަ މައްސަލަތައް ކުރިމަތިވެ، ކޮންމެ އަހަރަކުވެސް އ.ތ.މ ކޮމިޓީތަކުގެ މެންބަރުން ގެންދެވީ މަޤާމުތަކުން އިސްތިއުފާދެއްވަމުންނެވެ.
ފާއިތުވި އެމްޑީޕީގެ ވެރިކަމުގައިވެސް މި މައްސަލަތައް ޙައްލުކުރުމުގެ ވާހަކަ ދެކެވުނެވެ. 2022 ވަނަ އަހަރު ބޭއްވި ވިޔަވަަތި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އެ މައްސަލަ ޙައްްލުކުރެއްވުމަށްޓަކައި އ.ތ.މ ކޮމިޓީތަކަށް މަސައްކަތްކުރެވޭނެ މާހައުލެއް އުފައްދަވާނެ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮވެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް، މަައްސަލަ އޮތް ގޮތަށް އޮތީއެވެ. އ.ތ.މ ކޮމިޓީތައް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް އެންމެ އެކަށީގެންވާ ގޮތަށް އޮތީ ނުވެއްދިއެވެ. ޚިދުމަތްކުރާނެ މަގުތައް އޮތީ ފަހިނުކުރެވިއެވެ. އެކަށީގެންވާ މިންވަރުގެ ބާރުވެރިކަން އޮތީ ނުދެވިއެވެ.
މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގެންނެވިއިރު އެމަނިކުފާނަށް ތަޖުރިބާއިން އެނގިވަޑައިގެންފައި އޮތް މައްސަލައެކެވެ. މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ހުރިހާ އ.ތ.މ ކޮމިޓީތަކަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކާއި ދަތިތައް އެމަނިކުފާނު ވަރަށް ރަނގަޅަށް ދެނެވަޑައިގަތެވެ.
މެނިފެސްޓޯ އެކުލަވައިލެއްވިއިރު އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އ.ތ.މ ކޮމިޓީތަކުގެ ދައުރު އިތުރަށް ފުޅާކުރެއްވުމަށް ރަައީސް ހުށަހެޅުއްވިއެވެ. އަދި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތަކާއި، މާލީ ގޮތުން ހުރި ދަތިތައް ޙައްލުކުރެއްވޭނެ ގޮތްވެސް ހުށަހެޅުއްވިއެވެ.
އެގޮތުން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރައެއް ހަމަޖެއްސެވުމާއި ރަމަޟާން މަހު ރޯދަ ޢިނާޔަތް ލިބޭނެ ގޮތް ހެއްދެވުމާއެކު، އެ ކޮމިޓީތަކުގެ މަސައްކަތަށް މަގުފަހިކުރެއްވުމުގެ ވާހަކައަކީ ރައީސް ރިޔާސީ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުތަކެވެ. ލާމަރުކަޒީ ނިޒާމު އުފަންވީއްސުރެ އޮތް މައްސަލަތަކަކަށް ހުށަހެޅުއްވި މުހިއްމު ޙައްލުތަކެކެވެ.
ފާއިތުވި ހަފުތާ، 18 ފެބްރުއަރީ 2024 ވަނައަށްވީ އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ޖެހިގެންއައި 18 ފެބްރުއަރީ 2025 ވަނައަށްވީ ބުދަދުވަހު ރައީސް ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ޤާނޫނަކަށްވުމާއެކު އ.ތ.މ ކޮމިޓީތަކުގައި ބާރުތައް އިހުނަށްވުރެ ސާފުކޮށް ބަޔާންކުރެވުނެވެ. މުސާރައާއި ޢިނާޔަތްތަކާ ގުޅޭ އުޞޫލުތަކެއް ސާފުކޮށް ބަޔާންކުރެވުނެވެ. މި ބަދަލުތަކަށް ބަލާއިރު އެންމެ މުހިއްމު ބަދަލުތަކުގެ ގޮތުގައި ފާހަގަކުރެވެނީ:
މި ބަދަލުތަކުގެ ސަބަބުން އ.ތ.މ ކޮމިޓީތައް ބޭކާރުވެ، ހަވާސާގައި އޮންނަ އޮތުން ނިމުމަކަށް އައީއެވެ. މުޖުތަމަޢު ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިހުނަށްވުރެ ބޮޑު ދައުރަކާއި ޒިންމާއެއް އެ ކޮމިޓީތަކާ ޤާނޫނުން މަތިކުރެވުމާއެކު، އެ ޒިންމާ އަދާކުރުމަށް ބޭނުންވާ މާލީ ފުދުންތެރިކަމާއި ބާރުވެރިކަންވެސް ލިބޭނެ ގޮތަށް ޤާނޫނީ އޮނިގަނޑު ހަމަޖެހުނީއެވެ. ހަނި ދާއިރާއެއްގައި އޮތް އ.ތ.މ ކޮމިޓީތައް ފުޅާ ދާއިރާއަކަށް ނެރެވުނީއެވެ.
ރައީސް ޑރ.މުޢިއްޒު އަމަލުފުޅުން ދައްކުވައިދެއްވީ މުޖުތަމަޢުގައި އަންހެނުންގެ ދައުރު ފުޅާކުރެެއްވުމަކީ ވިދާޅުވެލާ ބަސްފުޅަކަށްވުރެ ބޮޑަށް ހިތްޕުޅުގެ އެންމެ ފުނުން ޤަބޫލުކުރައްވާ ސިޔާސަތެއް ކަމެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަން ސާބިތުކޮށްދެއްވައިފިއެވެ. ބުރަ މަސައްކަތްތަކެއް ކުރާ އ.ތ.މ ކޮމިޓީތަކަށް ޙައްޤު މަޤާމާއި ބާރުވެރިކަމާއި ޤަދަރު ހޯދައިދެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ.