ENGLISH
22 އޭޕްރީލު 2025
ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން ވެސް މީހުން ބަދަލުވާން އެދިއްޖެ
20 ފެބްރުއަރީ 2025
|
މިނިސްޓަރ އާދަމް ޝަރީފް
ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ވ. އަތޮޅާއި މ. އަތޮޅު ރަށަކުން އެހެން ރަށަކަށް ބަދަލު ކޮށްދެއްވުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެކަމާމެދު ރަސްމީކޮށް އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް، އެ ރަށްތަކުގެ ކައުންސިލްތަކުން އެދޭ ގޮތަށް ރަށް ބަދަލުކުރަން ނިންމައިފި ނަމަ، އެ ރަށްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިލެއްވިގޮތަށް، އެރަށު މީހުން ހދ. ހަނިމާދޫ އަށް ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ފައްޓަވައިފައެވެ. ހިރިމަރަދޫ މީހުން ، ހދ. ހަނިމާދޫއަށް ބަދަލު ކުރުމާ ބެހޭގޮތުން ވަޒީރު ވިދާޅުވީ އެކަމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ، އެކަމާ ގުޅޭ ސިޔާސަތު ކަރުދާސްތައް އެކުލަވާލަމުން އަންނަ ކަމަށާއި އެކަމުގެ ފުރަތަމަ ދެލި ކޮޕީ މިހާރު ނިމިފައިވާ ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް ވަނީ މިވެރިކަމުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމެވީ މި މަހުގެ އެއްވަނަ ދުވަހެވެ.
ހިރިމަރަދޫގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކޮށްފަ ދެބައި މީހުން ދިރިއުޅެނީ ރަށުން ބޭރުގައެވެ. އެ ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 200 ވަރަކަށް މީހުންނެވެ.
ބައެއް ރަށްރަށުގައި އާބާދީ ކުޑަވުމުގެ ސަބަބުން ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މައިސަރުކާރަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވެއެވެ. މިކަހަލަ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިވަނީ އާބާދީ ކުދި ރަށްރަށުގެ މީހުންގެ ދިރުއުޅުން އާބާދީ ބޮޑެތި ރަށްރަށަށް، އޮންނަ އުސޫލުގެ ތެރެއިން، ބަދަލު ކުރުމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.