ENGLISH
22 އޭޕްރީލު 2025
ރާއްޖޭގެ ކޮންމެ ރަށެއްގެ ޕްރޮފައިލް ތައްޔާރުކުރަނީ
20 ފެބްރުއަރީ 2025
|
މިނިސްޓަރ އާދަމް ޝަރީފް އުމަރު
ރާއްޖޭގެ ރަށްރަށުގެ ޚާއްސަ ސިފަތަކާއި މައުލޫމާތު ފެންނަން ހުންނަ ގޮތަށް، ކޮންމެ ރަށެއްގެ ޕްރޮފައިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އެ މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ތަފާތުތަކާއި ޚާއްސަ ސިފަތައް ބަލާލަން އެތައް ބަޔަކު ބޭނުންވާ ކަމަށެވެ. އެހެންވެ، ކޮންމެ ރަށެއްގެ ޕްރޮފައިލް ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ކޮންމެ ރަށަކީ ތަފާތު ރަށެއް. އާދަކާދަ ތަފާތު، ވާހަކަދައްކާ ރާގު ތަފާތު. ހުންނަ ވަސީލަތްތައް ތަފާތު. މި ހުރިހާ ކަމަކާ އެކީގައި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދެކިލަން ބޭނުންވޭ، ފެންނަން ބޭނުންވޭ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ތަފާތު. ޔުނީކް ނުވަތަ އެ ޚާއްސަ ސިފަތައް. އެ ސިފަތައް ދެނެގަނެވޭނެ ގޮތެއް ނުވަތަ އެ މައުލޫމާތު އެއް ތަނަކުން ބަލާލެވޭނެ ގޮތެއް ހެދުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގެ ޕްރޮފައިލެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ ރަށެއްގެ ޕްރޮފައިލް ތައްޔާރުކުރުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރައްވާނެ ގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.