ENGLISH
10 އޭޕްރީލު 2025
ވިލާއާ އެއްވަރުކޮށް، ލިވަޕޫލަށް 8 ޕޮއިންޓްގެ ލީޑެއް
20 ފެބްރުއަރީ 2025
|
ރޭގެ މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން ހުއްޓިގެން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ 2-2 އިން އެއްވަރުކޮށް، ލިވަޕޫލުން ތާވަލްގެ ކުރީގައި 8 ޕޮއިންޓްގެ ލީޑެއް ރޭ ނަގައިފިއެވެ.
މި ނަތީޖާއާއެކު، ލިވަޕޫލް އެއްވަނައިގައި އޮތީ 26 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް އާސެނަލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ހަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ނޮޓިންގހަމް ފޮރެސްޓެވެ.
ވިލާ ޕާކުގައި ކުޅުނު މެޗުގައި މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލް ލީޑު ނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެކުރިން ވިލާ އަށް އެއްވަރުކޮށްދިނީ ޔޫރީ ޓީލަމެންސް އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިނގިރޭސި ފޯވާޑް، އޮލީ ވަޓްކިންސްގެ ގޯލުން ވިލާ ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ލިވަޕޫލަށް އެއްވަރުކޮށްދިނީ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. އޭނާ މި ލަނޑު ޖެހީ ސަލާހު ދިން ބޯޅައަކުންނެވެ.
ލިވަޕޫލް މޮޅުކޮށްދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑާވިން ނޫނޭޒް އަށް ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވިއިރު، އިތުރު ވަގުތުގެ ތެރޭގައި ވިލާގެ ޑޮންޔެލް މަލެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.