ENGLISH
16 ޖުލައި 2026
އެވަރގްރީން ލައިންގެ ހިދުމަތްތައް ގައުމީ ޝިޕިން ކުންފުނި މެދުވެރިކޮށް ރާއްޖެއަށް ތައާރަފްކޮށްފި
16 ޖުލައި 2026
|
އެވަރގްރީން ޝިޕިން ލައިންގެ ބޯޓެއް - ފޮޓޯ: ލިންކެޑިން
އެންމެ މަޤްބޫލު
ބައިނަލްއަގުވާމީ ގޮތުން މަގުބޫލު ޝިޕިންގ ކުންފުނި، "އެވަރގްރީން" ލައިންގެ ހިދުމަތްތައް ރާއްޖޭގެ ގައުމީ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އާ ގުޅިގެން ރާއްޖޭގައި ފަށައިފިއެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފާއި، އެމް.އެސް.އެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފާއި، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން އެމް.އެސް.އެސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ލަތީފް ވިދާޅުވީ، މި ޕާޓްނަރޝިޕަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖެއަކީ 90،000 އަށްވުރެ ގިނަ ބާވަތުގެ މުދާ އިމްޕޯޓްކުރާ ގައުމަކަށްވުމުން، ރާއްޖޭގެ ފްރައިޓް އަދި ޝިޕިންގ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމް.އެސް.އެސްގެ ރާއްޖޭގެ ތަޖުރިބާއާއި އެވަރގްރީންގެ ބައިނަލްއަގުވާމީ ވިއުގަ ގުޅިގެން ދިއުމުން، ބައިނަލްއަގުވާމީ ފްރައިޓް އޮޕަރޭޝަންތަކުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި، ރާއްޖޭގެ ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރުގައި ހުރި ދަތިތަކަކީ މި ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، ސަރުކާރުން ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން މި ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕް ގާއިމުކޮށްފައިވަނީ އެމް.އެސް.އެސް އާއި އެވަރގްރީންގެ ސްްރީލަންކާ އޮފީހާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެމް.އެސް.އެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، އެވަރގްރީންއަކީ ދުނިޔޭގެ ހުރިހާ ބައްރުތަކަކަށް މުދާ އުފުލާ ބޮޑު ވިއުގައެއް އޮތް ކުންފުންޏަކަށް ވުމުން، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
އެވަރގްރީން ލައިންގެ ރާއްޖޭގެ ރަސްމީ ޕާޓްނަރެއްގެ ގޮތުގައި އެމް.އެސް.އެސް ވަނީ ކަނޑައަޅާފައެވެ. އެވަރގްރީން ސްރީލަންކާގެ ވައިސް ޕްރެޒިޑެންޓް އަނޫރާދާ ފެނާންޑޯ ވިދާޅުވީ، އެވަރގްރީންގެ މަސައްކަތުގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ބައިވެރިއަކު ހޯދުމަށް ދިރާސާތަކެއް ކުރި ކަމަށާއި، އެމް.އެސް.އެސް އާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އެމް.އެސް.އެސް އިން ބުނީ ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންގ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ފަޚުރެއް ކަމަށާއި، މިހާރުވެސް އެވަރގްރީންގެ އިތުރުން ހެޕަގް-ލޮއިޑް އަދި މާސްކް ފަދަ ކުންފުނިތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ޝިޕިންގ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އިތުރު ޕާޓްނަރޝިޕްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.