ENGLISH

16 ޖުލައި 2026

Advertisement

އުކުޅަހު ފުލުހުންގެ އިމާރާތު ފުރާޅުގެ ޓްރަސްއާއި ރާފްޓަރުތައް ހަރުކޮށް ނިންމާލައިފި

16 ޖުލައި 2026

|

އާމިނަތު ނުޒްލާ

އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ

އއ. އުކުޅަހުގައި ތަރައްޤީކުރާ ފުލުހުންގެ އިމާރާތުގެ ފުރާޅުގެ ޓްރަސްއާއި ރާފްޓަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން އިތުރަށް މައުލޫމާތު ދިން ގޮތުގައި އެ އިމާރާތުގެ އެތެރޭގެ ފާރުތަކުގައި ސިމެންތިޖެހުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު އަންނަނީ ކުރަމުންނެވެ.

ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން، 5200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ތަނެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.

ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ޤާނޫނާއި ގަވާޢިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު