ENGLISH

16 ޖުލައި 2026

Advertisement

ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާއާއި ތަމްރީނު ހޯދައިދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

16 ޖުލައި 2026

|

ޢަލީ ޝަހީމް

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސެންޓާރާ ލެގޫން މޯލްޑިވްސްއާއެކު ވީ އެއްބަސްވުމުގެ ތެރެއިން. ފޮޓޯ: ދާޚިލީ ވުޒާރާ

ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށާއި، މަސައްކަތުގެ މާހައުލަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އާއި ސެންޓާރާ ލެގޫން މޯލްޑިވްސްއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ޤާއިމުކުރި މި އެއްބަސްވުމަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެ މިނިސްޓްރީން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަރ ސާވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ޑރ. ޢަބްދުﷲ ފައިރޫޝް ސޮއިކުރެއްވިއިރު، ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކްލަސްޓަރ ޖެނަރަލް މެނޭޖަރ ހޯހޭ ފަރނަންޑޭޒްއެވެ.

ޖޫން 2027 ގެ ނިޔަލަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ ދިވެހި މަސައްކަތްތެރިންގެ ފެންވަރު މަތިކޮށް، ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދިނުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ ހަރަކާތެކެވެ. މި މަސައްކަތުގެ ދަށުން ކެރިއަރ ގައިޑަންސް ދިނުމާއި، ވަކި ޚާއްޞަ ދާއިރާތަކަކުން ހުނަރު ތަރައްޤީކުރުމުގެ އިތުރުން އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދޭނެއެވެ. އެގޮތުން އަލަށް ދަސްވެނިވާ ފަރާތްތަކަށާއި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން 3 މަހާއި 6 މަހާ ދެމެދުގެ އިންޓާންޝިޕް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ޖީސީއީ އޯލެވެލް ނިންމާފައިވާ ކުދިންނަށް ޚާއްޞަކޮށްގެން އެއް އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށްދާނެއެވެ.

މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާ ޒުވާނުންގެ ތެރެއިން، މަސައްކަތުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް ސެންޓާރާގެ ރިސޯޓުތަކުން ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އަސާސަކީ ފަތުރުވެރިކަމަށް ވާއިރު، ސެންޓާރާ ފަދަ ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏަކާއެކު ވެވުނު މި އެއްބަސްވުމަކީ ޒުވާނުންނަށް ސީދާ އަމަލީ މާހައުލުން ތަމްރީނާއި ވަޒީފާ ހޯދުމަށް ކޮށުނު މުހިންމު މަގެއްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު