ENGLISH
16 ޖުލައި 2026
ބިޒްނަސް ޕޯޓަލްގެ އެޕްލިކޭޝަންތައް ފުރިހަމަކުރުމުގެ މުއްދަތު މިއަދު ހަމަވަނީ
16 ޖުލައި 2026
|
އެންމެ މަޤްބޫލު
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ބިޒްނަސް ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، އެކި މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް ފުރިހަމަކުރުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޕޯޓަލް މެދުވެރިކޮށް ގިނަ އަދަދެއްގެ އެޕްލިކޭޝަންތައް ލިބެމުންދާއިރު، ބައެއް ހުށަހެޅުންތައް އެކި މަރުޙަލާތަކުގައި ފުރިހަމަނުވެ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުންފުނީގެ ނަން ރިޒާވްކުރުމަށްފަހު ފައިސާ ނުދައްކާ ހުރި އެޕްލިކޭޝަންތަކާއި، ވިޔަފާރި ނުވަތަ ނަން ރިޒާވްކުރުމަށްފަހު ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި ހުށަހެޅުންތަކުގެ އިތުރުން، ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ނުނިމި ހުރި އެޕްލިކޭޝަންތައް ހިމެނެއެވެ.
މީގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވްކޮށް، ނަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި، ނަން ބަދަލުކުރުމުގެ ފޯމު ފުރިހަމަކޮށް ފައިސާ ދެއްކުމާ ހަމައަށް ގޮސް ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައްވެސް މި ފުރުޞަތުގެ ދަށުން ފުރިހަމަކުރެވޭނެއެވެ.
އެ މިނިސްޓްރީން އެދިފައިވަނީ މިއަދު 14:00 ގެ ކުރިން އެފަދަ ހުރިހާ އެޕްލިކޭޝަންތަކެއް ފުރިހަމަކޮށް ފައިސާ ދައްކާ ނިންމުމަށެވެ. އަދި މި މުއްދަތު ހަމަވާއިރު ނުނިމި ހުންނަ އެޕްލިކޭޝަންތައް، އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާޠިލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3333188 ނުވަތަ 3333169 ނަންބަރު ފޯނާ ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިރުޝާދު ދެއެވެ.