ENGLISH
16 ޖުލައި 2026
ބަލިވާ ކޮންމެ ފަހަރަކު ފާޑުކިޔުން އަންނާނެ، ނިންމުންތަކުގެ ޒިންމާއުފުލަން: ޓުޗެލް
16 ޖުލައި 2026
|
ވޯލްޑް ކަޕުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް މެޗުގައި މިރޭ އާޖެންޓީނާ އަތުން ބަލިވުމާއެކު ފާޑުކިޔުންތައް އަންނާނެ ކަމަށާއި، މެޗުގައި ނެގި ނިންމުންތަކުގެ ޒިންމާއުފުލާ ކަމަށް އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ސެމީގެ މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވުމާއެކު، ވޯލްޑް ކަޕެއް ކާމިޔާބުކުރުމަށް ނުވަތަ ފައިނަލާ ހަމައަށް ދިއުމަށް އިނގިރޭސިން ކުރަމުންދާ ދިގު އިންތިޒާރު ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، އިނގިރޭސިންނަށް މުބާރާތުގެ ފައިނަލާ ހަމައަށް ދެވިފައެއް ނުވެއެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުނީ، "އަހަރެން ބޭނުންވަނީ މިކަންކަމަކީ ފުޓްބޯޅައިގެ ކަންކަމުގެ ގޮތުގައި ދެކެން، ތާރީޚު ތަކުރާރުވާފަދަ ކަންތައްތަކެއްގެ ގޮތުގައެއް ނޫން." ކަމަށެވެ.
އޭނާ އިތުރަށް ބުނީ، "ކޮންމެ ފަހަރަކުވެސް ތިބެނީ ތަފާތު ކޯޗުންނާއި، ތަފާތު ކުޅުންތެރިން އަދި ތަފާތު ހާލަތްތަކެއް. އެހެންވީމާ އަހަރެން ގަބޫލުކުރަނީ މިއީ ހަމައެކަނި ފުޓްބޯޅައިގައި ކަން ހިނގާގޮތް ކަމަށް."
މެޗުގެ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖަހައިދިން ލަނޑުން އިނގިރޭސިން ކުރި ހޯދިއެވެ. ނަމަވެސް އޭގެ ފަހުން އާޖެންޓީނާއިން މެޗުގެ ކޮންޓްރޯލް އަތުލައި، އިނގިރޭސިންނަށް އެ ޕްރެޝަރު ހިފަހައްޓައެއް ނުލެވުނެވެ.
"އެ ވަގުތު އަހަރެމެން ލަނޑެއް ޖަހައި ކުރި ހޯދުމަކީ ހައްގު މިންވަރެއް ކަމަށް އަހަރެން ދެކެން،" ޓުޗެލް ބުންޏެވެ. "ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ، އެ ލަނޑަށްފަހު މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެންދިޔަކަން."
ޓުޗެލް ފާހަގަކުރި ގޮތުގައި، ލަނޑަށްފަހު އާޖެންޓީނާއިން ކުޅުނީ ބޮޑު ރިސްކެއް ނަގައިގެން، މާ ބާރު ދުވެއްޔެއްގައެވެ. އޭގެ ސަބަބުން އިނގިރޭސި ކުޅުންތެރިންނަށް ލިބިފައި އޮތް ލީޑު ގެއްލިދާނެ ކަމުގެ ބިރުވެރިކަން އިހުސާސްކުރެވި، ފަހަތަށް ޖެހެން މަޖުބޫރުވިއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ، މެކްސިކޯ އަދި ނޯވޭ ފަދަ ޓީމުތައް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އިނގިރޭސިން ގެންގޮސްދިނުމުން ޓުޗެލްއަށް ބޮޑު ތާރީފެއް ލިބުނެވެ. ނަމަވެސް އާޖެންޓީނާ މެޗުގައި ލަނޑެއް ޖެހުމަށްފަހު ގެނައި ބަދަލުތަކާއި، މާ ބޮޑަށް ޑިފެންސިވްކޮށް ކުޅުމުން މިހާރު އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
"މިއީ ކުޅިވަރުގެ ތަބީއަތް. ބަލިވާ ކޮންމެ ފަހަރަކު ފާޑުކިޔުން އަންނާނެ،" ޖަރުމަނަށް ނިސްބަތްވާ ކޯޗު ބުންޏެވެ. "އެހެން ގޮތަކަށް ކަންތައް ކުރިނަމަ ވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެ. އެހެންވީމާ އެކަމާ މާ ބޮޑަށް ވިސްނައި ބޯގޮއްވުމުގެ މާނައެއް ނެތް. އެ ނިންމުންތަކުގެ ޒިންމާ އަހަރެން އުފުލަން."
މިހާރު އިނގިރޭސިންނަށް އޮތީ ތިންވަނަ ހޮވާ މެޗުގައި ފްރާންސާ ދެކޮޅަށް ކުޅުމެވެ. ޓުޗެލް ބުނީ މިއީ ކުރިން ކުރި މަސައްކަތާމެދު ފަޚުރުވެރިވާންވީ ވަގުތު ނޫން ކަމަށެވެ.
"ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް ސެމީ ފައިނަލުގެ ކުރިން ވަނީ ކަޓާފައި. އެހެންކަމުން މިއީ ކާމިޔާބީއެއް،" ޓުޗެލް ބުންޏެވެ. "އެކަމަކު މިވަގުތު އެ ވާހަކަ އަޑުއަހާކަށް އެކަކުވެސް ބޭނުމެއް ނުވާނެ. އަހަރެންވެސް ބޭނުމެއް ނޫން. ސަބަބަކީ އަހަރެމެން އަބަދުވެސް އުއްމީދުކުރަނީ އެންމެ މަތީ ކާމިޔާބީއަށް."
އޭނާ ނިންމާލަމުން ބުނީ، ފްރާންސް ކުޅުންތެރިން ވިޔަސް އަދި އިނގިރޭސި ކުޅުންތެރިން ވިޔަސް، ތިންވަނަ ހޮވާ މެޗު ކުޅެން ބޭނުންނުވާނެ ކަމަށާއި، އެންމެންގެވެސް އަމާޒަކީ ފައިނަލް ކަމަށެވެ. ނަމަވެސް މިއީ ކުރިމަތިލާންޖެހިފައިވާ ހަގީގަތް ކަމަށް އޭނާ ބުންޏެވެ.